ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޯލްޑިވިއަން އިން ދަތުރުވެރިންނަށް ޚާއްޞަ އިތުރު ޚިދުމަތްތަކާއެކު ޖާނީ ޕްލަސް ތަޢާރަފުކޮށްފި

މޯލްޑިވިއަން އިން ދަތުރުވެރިންނަށް ޚާއްޞަ އިތުރު ޚިދުމަތްތަކާއެކު ޖާނީ ޕްލަސް ތަޢާރަފުކޮށްފި

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ދަތުރުވެރިންނަށް ފަސޭހަކަމާއި އިތުރު އިޚްތިޔާރުތައް ފޯރުކޮށްދިނުމުގެ ގޮތުން "ޖާނީ+" (Journey+) ގެ ނަމުގައި އައު ޚިދުމަތްތަކެއް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި އައު ޚިދުމަތަކީ ދަތުރުވެރިންގެ ބޭނުންތަކަށް ބަލައި، ދަތުރުގެ ކަންކަން އަމިއްލައަށް އިޚްތިޔާރުކޮށް ބައްޓަންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތަޢާރަފުކުރި ޚިދުމަތެކެވެ.

"ޖާނީ+" ގެ ދަށުން ދަތުރުވެރިންނަށް އިޚްތިޔާރީ ގޮތުން އިތުރު ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިސްކަންދީގެން ޚިދުމަތް ދިނުން ނުވަތަ ޕްރަޔޯރިޓީ ސާވިސްތަކާއި، އިތުރު ލަގެޖް ގެންދިއުމުގެ ފުރުޞަތާއި، ލައުންޖް އެކްސެސް ހިމެނެއެވެ.

މީގެއިތުރުން ކެބިން އަޕްގްރޭޑް ކުރުމުގެ ފުރުޞަތާއި ދަތުރުގެ ކުރިން ކާބޯތަކެއްޗަށް އޯޑަރު ދިނުން ފަދަ ޚިދުމަތްތައް ވެސް މި ޕެކޭޖުގެ ދަށުން ލިބެން ހުންނާނެއެވެ.

މޯލްޑިވިއަން އިން ހާމަކުރި ގޮތުގައި މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ފަސިންޖަރަކަށްވެސް އެމީހެއްގެ ބަޖެޓާއި ބޭނުމާ އެއްގޮތަށް ދަތުރުގެ ކަންކަން އަމިއްލައަށް ކަސްޓަމައިޒްކޮށް، ދަތުރުމަތީގައި ފުރިހަމަ އަރާމާއި ލުއިފަސޭހަކަން ހޯދައިދިނުމެވެ.

މި ބަދަލާއެކު ދަތުރުވެރިންނަށް އެއާލައިންގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނަގާއިރު އަދި ފަހުންވެސް މި ޚިދުމަތްތައް ފަސޭހަކަމާއެކު އިޚްތިޔާރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޤައުމީ އެއާލައިނުން ދާދިފަހުން އަންނަނީ ފްލީޓް އިތުރަށް ވަރުގަދަކޮށް، ބައިނަލްއަޤްވާމީ އަދި އެތެރޭގެ އުދުހުންތަކުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން "ޖާނީ+" ފަދަ ޒަމާނީ ޚިދުމަތްތައް ތަޢާރަފުކުރުމަކީ ފަސިންޖަރުންގެ ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ވާދަވެރި މާކެޓުގައި އެއާލައިންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް މޯލްޑިވިއަން އިން ދެކެއެވެ.