ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާ ސިފައިންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލިގެން ހޯދަމުންދާ ތިން މީހުން ފެނޭތޯ ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ ސިފައިންގެ ޒަމާނީ "ޕީ-8އޭ" މަތިންދާބޯޓެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ކަނޑުމަތީގެ ސަލާމަތީ އޮޕަރޭޝަންތަކަށް ޚާއްޞަ މި ބޯޓުގެ ސަބަބުން، ކުރިއަށްދާ މި ބޮޑު އޮޕަރޭޝަނަށް ވަރަށް ބޮޑު ކުރިއެރުމަކާއި އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ފްލައިޓް ޓްރެކިންގ ޑޭޓާތަކުން ދައްކާ ގޮތުގައި، އެމެރިކާ ސިފައިންގެ މި ބޯޓު މިހާރު ދަތުރުކުރަމުން ދަނީ އާންމުކޮށް ފްލައިޓްތައް އުދުހޭ އުސްމިނަށްވުރެ މާ ތިރިންނެވެ. މިއީ ކަނޑުމަތިން މީހުން ހޯދުމަށް ޚާއްޞަކޮށްގެން ސިސްޓަމެޓިކްކޮށް ބަލަމުން އުދުހޭ އުދުހުމެކެވެ. މިގޮތަށް ތިރިން އުދުހުމުގެ ސަބަބުން، ކަނޑުގެ ސަތަހަ ވަރަށް ކައިރިން ބަލައިލުމުގެ ފުރުޞަތު ކުރޫއަށް ލިބުމުގެ އިތުރުން، ބޯޓުގައިވާ ޒަމާނީ ސެންސަރުތަކުގެ އެހީގައި ކަނޑުމަތީގައިވާ ތަކެއްޗާއި މީހުން ދެނެގަތުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދެއެވެ.
Ads by BMLމީގެ އިތުރުން، މިއީ މެދުކެނޑުމެއްނެތި ދިގު ރާސްތާއަކަށް ދަތުރުކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައިވާ އަސްކަރީ ބޯޓެކެވެ. އެގޮތުން 1،200 ނޯޓިކަލް މޭލަށްވުރެ ދުރަށް ދަތުރުކުރުމުގެ އިތުރުން، ވަކި ސަރަޙައްދެއްގައި ހަތަރު ގަޑިއިރަށްވުރެ ގިނައިރު ހަރަކާތްތެރިވުމުގެ ކުޅަދާނަކަން މި ބޯޓަށް ލިބިފައިވެއެވެ. އަދި އުދުހެމުންދާއިރު ވައިގެ ތެރޭގައި ތެޔޮ އެޅޭ ނިޒާމު ހުރުމުން، މެދުކެނޑުމެއްނެތި ގިނަ ވަގުތުތަކެއް ވަންދެން ކަނޑުމަތީގައި މަޑުކޮށްގެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ލިބެއެވެ.
ހަމައެއާއެކު، ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބޭ މީހުން ފެނިއްޖެ ހިނދެއްގައި، އެ ފަރާތްތަކަށް ވަގުތުން ބޭނުންވާ ސަލާމަތީ އާލާތްތަކާއި ކުއްލި އެހީތެރިކަން ވައިގެ މަގުން ފޯރުކޮށްދިނުމުގެ ފުރިހަމަ ޤާބިލުކަންވެސް މި މަތިންދާބޯޓަށް ލިބިގެންވެއެވެ.
Ads by MACL
