ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ބޮޑުތަކުރުފާނު މަގުގައި ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 އަދި ފޭސް 2 ހިމެނޭ ސަރަޙައްދުގައި ރުއް އިންދުމަށް ކުރިއަށްގެންދިޔަ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެއްކޮށް ނިންމާލައިފިއެވެ.

މި މަސައްކަތް ފުރިހަމަކޮށްފައިވަނީ މާލޭގެ އުތުރު ބަނދަރުން (ނޯތު ހާބަރުން) ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ބޮޑުތަކުރުފާނު މަގުގެ ސަރަޙައްދުގައެވެ.

މި މަޝްރޫޢުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގައި ކުރިން އިންދާފައި ހުރި ބައެއް ގަސްތައް ނަގައި، އެ ގަސްތަކުގެ ބަދަލުގައި ދިވެހި ރުއް ވަނީ އިންދާފައެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ދިވެހިންގެ ސަގާފަތާއި ތަރިކައާ ގުޅޭގޮތަށް މާލޭގެ މަގުތަކުގެ މާހައުލު ބައްޓަންކުރުމަށް އިސްކަންދިނުމުގެ ގޮތުންނެވެ.

މި މަސައްކަތަކީ މާލޭގެ ތިމާވެށި އިތުރަށް ފެހިކޮށް، ހިތްގައިމު އަދި ދެމެހެއްޓެނިވި ލޮލަށް ފަސޭހަ މާހައުލެއް ރައްޔިތުންނަށް ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ފެހިކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާއިރު، މާލޭގެ ވަށައިގެންވާ ބޭރު މަގުގައި ރުއް އިންދުމަކީ މާލޭގެ ބަނދަރު ސަރަޙައްދަށް ރީތިކަމާއި ދިވެހިވަންތަކަން ގެނެސްދީ، މަގު ބޭނުންކުރާ ދަތުރުވެރިންނާއި އާންމުންނަށް ހިތްފަސޭހަ މާހައުލެއް ލިއްބައިދޭނެ ކަމެކެވެ.