ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްޓޫޑެންޓް ލޯނު އަނބުރާ ހޯދާނެ ނިޒާމެއް ގާއިމުކޮށް 90 ދުވަސް ތެރޭގައި ހުށަހެޅުމަށް މަޖިލީހުން އަންގައިފި

ސްޓޫޑެންޓް ލޯނު އަނބުރާ ހޯދާނެ ނިޒާމެއް ގާއިމުކޮށް 90 ދުވަސް ތެރޭގައި ހުށަހެޅުމަށް މަޖިލީހުން އަންގައިފި

ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުތަކުން ފައިސާ އަނބުރާ ދައްކަންޖެހޭ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްފަހު 90 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ، އެޑިއުކޭޝަން މިނިސްޓްރީގެ ދެހާސް ބާވީސް ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ރިޕޯޓުން ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ރިކޮމެންޑޭޝަންތަކެއްގެ ގޮތުގައި ހިމަނައިގެންނެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ ލޯނުތަކުން އަނބުރާ ލިބެންޖެހޭ ފައިސާގެ ގޮތުގައި 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ. އޭރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓަމުންދިޔަ ލޯނުތަކަށް ލިބެންޖެހޭ 81.5 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީއަށް ލިބެންޖެހި، ހޯދާފައިނުވާ 81.5 މިލިއަން ރުފިޔާއަކީ އެ މިނިސްޓްރީން ދޫކޮށްފައިވާ ލޯނުތަކުގެ ފަސްދޮޅަސް އިންސައްތައެވެ.

އެހެންކަމުން ސަރުކާރުން ކުރިއަށްގެންދާ ސްޓޫޑެންޓް ލޯން ސްކީމްތަކުން އަނބުރާ ފައިސާ ދައްކަންޖެހޭ ދަރިވަރުންނާއި، ފައިސާ ދައްކަންޖެހި ނުދައްކައި ތިބި ދަރިވަރުންނަށް ފޮނުވަންޖެހޭ ނޯޓިސްތައް ފޮނުވުމުގެ އިތުރުން، ދަރިވަރުން އަނބުރާ ނުދައްކައި ހުރި ފައިސާ ހޯދުމަށް އަމަލުކުރަމުންދާ ގޮތް މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރުކުރާނެ އުސޫލެއް އެކުލަވައިލުމަށް މިނިސްޓްރީއަށް އަންގަން ވަނީ ފާސްކޮށްފައެވެ.

ދޫކުރާ ހުރިހާ ލޯނުތަކެއް މޮނިޓަރުކޮށް ބެލެހެއްޓުމަށް މަރުކަޒީ ނިޒާމެއް މިނިސްޓްރީން ގާއިމުކުރުމަށް އަންގައި، އެގޮތުން އެކުލަވައިލާ އުސޫލާއި އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ނުވަދިހަ ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.

ސްޓޫޑެންޓް ލޯނު ސްކީމްތަކުން ދޫކުރާ ފައިސާއާއި ސްކޮލަޝިޕްތަކުގެ ގޮތުގައި ދޫކުރާ ފައިސާގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ އަނބުރާ ފައިސާ ދައްކާފައިނުވާ ދަރިވަރުންގެ ދަފްތަރެއް އެކުލަވައިލައި ބެލެހެއްޓުމުގެ އިންތިޒާމު ނުވަދިހަ ދުވަހުގެ ތެރޭގައި ގާއިމުކޮށް، އެކަން ކޮމިޓީއާ ހިއްސާކުރުމަށްވެސް މިނިސްޓްރީއަށް އެންގުމަށް ވަނީ ފާސްކޮށްފައެވެ.