ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ދެ ޕަމްޕް ސްޓޭޝަން ޓެސްޓުކޮށް ކޮމިޝަންކޮށްފި

ބޮޑުތަކުރުފާނު މަގުގެ ދެ ޕަމްޕް ސްޓޭޝަން ޓެސްޓުކޮށް ކޮމިޝަންކޮށްފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގާއިމުކުރި އެމްއެމްއޭ ޕަމްޕް ސްޓޭޝަން ޓެސްޓުކޮށް، ކާމިޔާބުކަމާއެކު މިއަދު ކޮމިޝަންކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިއަދު ޓެސްޓުކުރި އެމްއެމްއޭ ޕަމްޕް ސްޓޭޝަނާއެކު، މި މަޝްރޫއުގެ ފިޔަވަހި އެކެއްގެ ދަށުން ތަރައްގީކުރި މަސްވެރިންގެ ޕާކު ޕަމްޕް ސްޓޭޝަނާއި އެމްއެމްއޭ ސަރަހައްދުގެ ޕަމްޕް ސްޓޭޝަން ޓެސްޓުކޮށް، އޮޕަރޭޝަނަށް ގެނައުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.

ވިއްސާރަ މޫސުމުގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ދިމާވާ ދަތިތަކަށް މި ދެ ޕަމްޕް ސްޓޭޝަނާއެކު ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މި ސްޓޭޝަންތަކުގައި ބަހައްޓާފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދަކަށް ފެން ބޭރުކުރެވޭނެ ފަދަ ޒަމާނީ ހައި ކެޕޭސިޓީ ޕަމްޕުތަކެކެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ވެރިރަށުގެ ސްޓޯމްވޯޓާ ޑްރެއިނޭޖް ނިޒާމު ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.