ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލާ ދެކޮޅު ޕެޓިޝަނާ ގުޅިގެން އެލްޖީއޭގެ ލަފައެއް ހޯދަން ފާސްކޮށްފި
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ގޮވާލައި ހުށަހެޅި އީ-ޕެޓިޝަނާ ގުޅޭގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ގޮތަށް ފާސްކުރީ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ތާއީދު ކުރެއްވުމުން ކޮމިޓީގައި ނެގުނު ވޯޓުންނެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާ ނުލައި އިހުތިސާސުން ވަކި ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދިނުމަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އާންމުކުރި މި ޕެޓިޝަނުގައި މިހާތަނަށް ދެ ހާސް ތިން ސަތޭކައަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. އެއާއެކު މި ޕެޓިޝަނަކީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް လိုވާ އަދަދަށް ސޮއި ހަމަވެފައިވާ ޕެޓިޝަނެކެވެ.
Ads by BMLއަމިއްލަ ފަރާތަކުން ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާނު ހުށަހެޅުއްވި ބިލުގެ ސަބަބުން ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބި، ރައްޔިތުންގެ ބަސްބުނުމުގެ ހައްގު ހަނިވެގެންދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން ގާނޫނަށް މި އިސްލާހުތައް ގެންނަން ހުށަހެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ދައުލަތުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ. މީގެ އިތުރުން މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުންވެސް ހިމެނެއެވެ.
މި ބިލުގައި ވަނީ ކައުންސިލަރުންގެ ސުލޫކީ މިންގަނޑު ބަޔާންކުރާ ލާމަރުކަޒީ ގާނޫނުގެ ސާދަ ވަނަ ބާބަށް އިސްލާހުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކައުންސިލްތަކުން އަމަލުކުރަންޖެހޭ އާންމު އުސޫލުތަކުގެ ތެރެއަށް، ސަރުކާރުން ރައްޔިތުންގެ މަންފާއަށް ކުރިއަށް ގެންދާ މަޝްރޫއުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުން އިތުރުކުރުމަށް ވަނީ ހުށަހަޅައިފައެވެ.
އޭގެ އިތުރުން ކައުންސިލަރުން ކޮށްގެން ނުވާނެ ކަންކަމުގެ ތެރެއަށް، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުން ނުވަތަ އެފަދަ މަޝްރޫއެއް ހުއްޓުމަށް މެދުވެރިވާފަދަ ނިންމުންތައް ނިންމުން ހިމެނުމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
Ads by MACL
