ވިލިމާލޭގައި ޑިންގީ ޖެޓީއެއް ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
ވިލިމާލޭގެ އުތުރު ފަރާތުގައި ޑިންގީ ޖެޓީއެއް ތަރައްގީ ކުރުމަށާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
އިމާރާތްކުރުމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީއެވެ.
ވިލިމާލޭގެ އުތުރު ފަރާތުގައި ޑިންގީ ޖެޓީ ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ސާދަ މިލިއަން ނުވަސަތޭކަ އެއްދިހަ ހާސް ރުފިޔާއަށް، ސަތޭކަ ފަންސާސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ތިންހާސް ހަސަތޭކަ ނުވަދިހަ އަަށް ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުތެރެއާއި ނެރު ފުންކުރުމާއި، ރޭމްޕާއި ސިޑިއާއެކު ހަތްދިހަ ހަތަރު މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، ތިން މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، ސައވީސް މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ ލުމުގެ އިތުރުން ހަތްދިހަ ހަތަރު މީޓަރު ދިގު، ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން ހިމެނެއެވެ.
Ads by BMLމީގެ އިތުރުން ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ސާޅީސް ފަސް މިލިއަން ހަސަތޭކަ ފަސްދޮޅަސް ހަ ހާސް ރުފިޔާއަށް، ހަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އެކެއް އިންސައްތަ ސިފަވާ އެކެއް އިންސައްތަ ނުވަ ހެކްޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ބިން ހިއްކުމާއި، ސަތޭކަ ފަންސާސް މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖެހުމާއި، ސަތޭކަ އައްޑިހަ އެއް މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓާ ލުމުގެ އިތުރުން ކުރިން ހަދާފައިވާ ބްރޭކްވޯޓާގެ ތެރެއިން ފަސްދޮޅަސް މީޓަރުގެ ސަރަހައްދެއް ނެގުން ހިމެނެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ އެ ރަށުގެ ދެކުނު ފަރާތުން ގޮނޑުދޮށުގެ ބޮޑުބައެއް މިހާރު ވެސް ވަނީ ގިރައިގެން ގޮސްފައެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކު ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބި، ޑިންގީ ޖެޓީ ނިމުމުން އެކި ބޭނުންތަކަށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.
Ads by MACL
