އާރްޑީސީން މުޅިރާއްޖެއަށް ފެތުރިގެންފި، އިތުރު 5 ރަށަކަށް ވެހިކަލްތައް ފޮނުވަނީ!
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އިތުރު ފަސް ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ވެހިކަލްތައް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
މިއާއެކު އެ ކުންފުނީގެ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރަށް ހަލުވިވެގެންދާނެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުތަކަށް ވެހިކަލްތައް ފޮނުވަމުންދަނީ ބ. އަތޮޅާއި ރ. އަތޮޅުގެ ރަށްތަކަކަށެވެ. އެގޮތުން ވެހިކަލްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ބ. އޭދަފުށި، ބ. ކުޑަރިކިލު، ބ. ތުޅާދޫ، ރ. އިނގުރައިދޫ އަދި ރ. މަޑުއްވަރީއެވެ.
Ads by BMLމި ރަށްރަށަށް ބޭނުންވާ ބަރު އުޅަނދުތަކާއި މެޝިނަރީޒް ފޮނުވުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިއީ މި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަގުހެދުމާއި އުމްރާނީ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތައް އަވަސްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ވެހިކަލްތައް ރަށަށް އެރުވުމާއެކު، އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ތައްޔާރީތައް އާރްޑީސީން ވަމުންދާކަމަށް މައުލޫމާތު ލިބެއެވެ.
އަތޮޅުތެރޭގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އާރްޑީސީގެ ދައުރު މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫޢުތައް އެ ކުންފުނިން މިހާރުވެސް ކާމިޔާބުކަމާއެކު ކުރިއަށްގެންދާއިރު، އަލަށް މި ފެށޭ މަޝްރޫޢުތަކާއެކު ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައާއި އާންމު ދިރިއުޅުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
Ads by MACL
