އަތޮޅުތަކުން: ބ. ތުޅާދޫގައި އިމާރާތްކުރާ ދެ ބުރީގެ ސަގާފީ މަރުކަޒުގެ މައި އިމާރާތުގެ ފުޓިންގ އަޅައި ނިންމާލައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބ. ތުޅާދޫގައި ތަރައްޤީކުރަމުން އަންނަ ދެ ބުރީގެ ސަގާފީ މަރުކަޒުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް އެބަދެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ މައި އިމާރާތުގެ ފައުންޑޭޝަންގެ މުހިންމު މަސައްކަތްތަކެއް ކަމަށްވާ، މައި އިމާރާތުގެ ހުރިހާ ފުޓިންގ އެއް އަޅައި ނިންމާލާފައެވެ.
މައި އިމާރާތުގެ ފުޓިންގ އެޅުމުގެ އިތުރުން، ޓައި ބީމް ރީބާގެ (ދަގަނޑު ބަނުމުގެ) ހުރިހާ މަސައްކަތެއްވެސް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައި ކަމަށް ރައްޔިތުންގެ ކުންފުނި ކަމަށްވާ އެމްޓީސީސީން ހާމަކުރެއެވެ. މިއީ މިފަދަ ބޮޑު އިމާރާތެއްގެ ބިންގާ ވަރުގަދަކޮށް، އޮނިގަނޑު ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.
Ads by BMLބ. ތުޅާދޫއަކީ ޒަމާނުއްސުރެ ދިވެހިވަންތަ ފަންނުވެރިކަމާއި، ޚާއްޞަކޮށް ލިޔެލާޖެހުމުގެ މަސައްކަތަށް މުޅި ރާއްޖޭގައިވެސް ނަންމަޝްހޫރު، ސަގާފީ ގޮތުން މުއްސަނދި ރަށަކަށްވާއިރު، މި ސަގާފީ މަރުކަޒަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާތަކެއް ކުރުވާނެ ބިނާއެކެވެ. މި ދެ ބުރީގެ މަރުކަޒު ނިމުމުން، ރަށުގެ ސަގާފީ ހަރަކާތްތައް ދިރުވައި އާލާކުރުމަށާއި، ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ފަހި މާހައުލެއް ޤާއިމުވެގެންދާނެއެވެ.
ޤައުމު ބިނާކުރުމުގައި އެމްޓީސީސީގެ ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ތުޅާދޫ ސަގާފީ މަރުކަޒުގެ އިތުރު އަޕްޑޭޓްތަކާއި އެ ކުންފުނިން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ކުންފުނީގެ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ލިބެން ހުންނާނެއެވެ.
Ads by MACL
