ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

ސަޕްލައި ދޯންޏެއް ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު އެއްކޮށް ބަލާފައިވާ ކަމަށާއި ނަމަވެސް އެ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި، ތާ އަތޮޅު މަޑިފުށިން ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރަނިކޮށް މި މަހުގެ ފަސްވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތް ކުރެވުނު ނަމަވެސް ތިން މީހަކު ވަނީ ގެއްލިފައެވެ.

ގެއްލިފައިވަނީ ތާ އަތޮޅު މަޑިފުށީ، ތިރީސް ފަސް އަހަރުގެ މުހައްމަދު ހަމްދޫންއާއި ފުލުހުންގެ ތިރީސް ތިން އަހަރުގެ ސާޖަންޓް އަލީ ނާފިއު އަދި ސިފައިންގެ ތިރީސް ނުވަ އަހަރުގެ ސާޖަންޓް އިބްރާހީމް އަހުމަދެވެ. އެމްއެންޑީއެފުން ބުނީ އެ މީހުން ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން ހުވަދޫ ކަނޑުގެ މުޅި ސަރަހައްދުގެ އިތުރުން ލާމު އަތޮޅާއި ހުވަދުއަތޮޅު އުތުރުބުރީގެ ފަރުތައް ވެސް ބަލާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި މޯލްޑިވިއަންގެ މަތިންދާބޯޓާއި ދިވެހި އަސްކަރިއްޔާގެ ޓީބީ-2 ޑްރޯންގެ އިތުރުން ކޯސްޓްގާޑް ޝިޕް އިމާދުއްދީން ވަނީ ބޭނުންކޮށްފައެވެ. މީގެއިތުރުން ދިވެހި ސަރުކާރުގެ އެދުމަށް އެމެރިކާގެ ނޭވީގެ ޕީ-8 މަތިންދާބޯޓެއް ބޭނުންކޮށްގެން ވެސް ހަހާސް ތިންސަތޭކަ އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

ދޯނިން ސަލާމަތްވި މީހުންގެ މައުލޫމާތަށް ބަލާއިރު އެ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ދޯނި ފެތުނު ސަރަހައްދަކީ އެއްހާސް ހަސަތޭކަ މީޓަރަށް ވުރެ ފުން ސަރަހައްދެކެވެ. މިއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނެއް ނޫނެވެ. އަދި މިއީ ހަނގުރާމަމަތީ ސަބްމެރިންތައް ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް ސިފައިން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ހާދިސާ ހިނގިތާ އެގާރަ ދުވަސް ވެފައިވާއިރު ގެއްލުނު މީހުން ހޯދުމަށް ވައިގެމަގުން ސަތާރަހާސް ދެސަތޭކަ ތީރީސް އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުންނާއި ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން ބޮޑު ސަރަހައްދެއް ބަލާފައިވާއިރު، އަދިވެސް އެ މީހުން ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.