ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސާކްގެ ހޭނެއްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސަކަށް ޑރ. އަސަދު

ސާކްގެ ހޭނެއްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސަކަށް ޑރ. އަސަދު

ސާކް ސަރަހައްދުގެ ހޭނެއްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސްކަމުގެ މަގާމަށް ކުރިއަށް އޮތް ދެ އަހަރުގެ ދައުރަކަށް، ރާއްޖޭގެ ފުރަތަމަ ޕެއިން ސްޕެޝަލިސްޓު ޑރ. އަސަދު މުހައްމަދު ޝަހީދު ހޮވިވަޑައިގެންފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެ ޖަމިއްޔާގެ އެންމެ އިސް ދައުރެއް އަދާކުރުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިގެންދިޔައީ ބޭއްވި ހާއްސަ ކޮންގްރެސްގެ ތެރެއިންނެވެ. މިއީ ސަރަހައްދީ ފެންވަރުގައި ދިވެހި ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އެ މަގާމަށް ޑރ. އަސަދު ހޮވިވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ ސާކްގެ ހޭނެއްތާ ޑޮކްޓަރުންގެ ކޮންގްރެސްގެ ތެރެއިންނެވެ. މި ކޮންގްރެސްގެ ތެރެއިން ސަރަހައްދީ ގައުމުތަކުގެ ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާތައް ކުރިއަށްދިޔައެވެ.

ހެލްތު މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އަސަދު އެ ޖަމިއްޔާގެ ރައީސްކަމަށް ހޮވިވަޑައިގަތުމަކީ ސަރަހައްދީ އެއްބާރުލުން ހަރުދަނާކޮށް، ހާއްސަ ތަމްރީނާއި އިލްމު ބަދަލުކުރުން ފުޅާކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. މީގެ އިތުރުން ރާއްޖޭގައި ހޭނެއްތުމާއި ކްރިޓިކަލް ކެއާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްވެސް މިއީ ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ޑރ. އަސަދު ޕެއިން ސްޕެޝަލިޓީގެ ދާއިރާއިން ފެލޯޝިޕް ހައްދަވާފައިވަނީ ވޯލްޑް ފެޑެރޭޝަން އޮފް ސޮސައިޓީސް އޮފް އެނެސްތީސިއޮލޮޖިސްޓްސް އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ދަ ސްޓަޑީ އޮފް ޕެއިން ގުޅިގެން ހުޅުވާލި ސްކޮލަޝިޕެއްގެ ދަށުންނެވެ. އެމަނިކުފާނު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހިދުމަތާ ގުޅިވަޑައިގެންނެވީ ދެ ހާސް ސައުވީސް ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.