ދާދި އަވަހަށް ދިއްގަރުގައި ކުނި މެނޭޖްކުރުކުގެ މަސައްކަތް ވެމްކޯއިން ފަށަނީ!
މ. ދިއްގަރުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތައްޔާރީތައްވާން ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން ދިއްގަރު ކައުންސިލާއި ވެމްކޯގެ ސީނިއަރ މެނޭޖްމަންޓާ ދެމެދު ވަނީ މުހިންމު ބައްދަލުވުމެއް ބާއްވައި، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް ފޯރުކޮށްދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރަށުގައި ކުނި މެނޭޖްކުރުމަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައްޗަށެވެ. އަދި މިކަންކަން ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި، ވެމްކޯގެ ފަރާތުން ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައެވެ.
Ads by BMLރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުންނާއި ވެމްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިއްގަރުގައި މި ޚިދުމަތް ފެށިގެން ދިޔުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މީގެ ސަބަބުން ރަށުގެ ތިމާވެށި ޙިމާޔަތްކުރެވި، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމުގެ ޒަމާނީ ނިޒާމެއް ރަށުގައި ޤާއިމުވެގެންދާނެއެވެ.
ދާދި އަވަހަށް މި ޚިދުމަތް ދިއްގަރުގައި ފެށިގެންދާނެކަމަށް ބެލެވޭއިރު، ވެމްކޯއިން އަންނަނީ އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މި ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ފަސޭހަތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކައުންސިލާއި ވެމްކޯ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، ދިއްގަރަކީ ސާފުތާހިރު ހިތްފަސޭހަ ރަށެއްގެ ގޮތުގައި އޮތުމަށް މަގުފަހިވެގެންދާނެއެވެ.
Ads by MACL
