ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގައި ރެޑް ކްރެސެންޓުން އަޅާ 14 ބުރީގެ އިމާރާތަށް އެހީތެރިކަން ހޯދަން ފަށައިފި

ހުޅުމާލޭގައި ރެޑް ކްރެސެންޓުން އަޅާ 14 ބުރީގެ އިމާރާތަށް އެހީތެރިކަން ހޯދަން ފަށައިފި

ހުޅުމާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާ ދިވެހި ރެޑް ކްރެސެންޓުގެ 14 ބުރީގެ ކޮމާޝަލް އިމާރާތް "ދަ ކްރެސެންޓް ޓަވަ" ބިނާކުރުމަށް އާންމުންނާއި ވިޔަފާރިތަކުގެ އެހީތެރިކަމާއި ބައިވެރިވުމަށް ރަސްމީކޮށް ހުޅުވާލައިފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މިރިހި މަގުގައި ހުންނަ ރެޑް ކްރެސެންޓުގެ އަމިއްލަ ބިމުގައި އަޅާ މި އިމާރާތުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި މާލީ ލަފާދޭ ފަރާތެއްގެ ގޮތުންނާއި ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ.

ޖުމްލަ 70،000 އަކަފޫޓުގެ ޖާގައެއް އެކުލެވޭ މި ޓަވަރު ފަރުމާކޮށްފައިވަނީ އެ ޖަމިއްޔާގެ މައި އޮފީހާއި ކޮމިއުނިޓީ ހޯލެއްގެ އިތުރުން ކެފޭ، ބިޒްނަސް ލައުންޖް، ޖިމް، ކިޑްސް ކްލަބް އަދި އޮފީސްތަކަށް ކުއްޔަށް ދޫކުރާނެ ޖާގަތައް ހިމަނައިގެންނެވެ.

މި މަޝްރޫއާ ގުޅޭގޮތުން ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނަޝީދު ވިދާޅުވީ، މިއީ ހަމައެކަނި އުސް އިމާރާތެއް ބިނާކުރުން ނޫން ކަމަށާއި މިއީ އިންސާނިއްޔަތަށްޓަކައި މެދުކެނޑުމެއް ނެތި މަސައްކަތްކުރުމަށް މަގުފަހިކޮށްދޭނެ އަދި އަންނަން އޮތް ޖީލުތަކަށް އެ ޖަމިއްޔާގެ ޚިދުމަތްތައް ދެމެހެއްޓުމަށް ބިނާކުރެވޭ ދާއިމީ ތަރިކައެއް ކަމަށެވެ.

ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވި ގޮތުގައި މާލީ ކަންކަމުގެ ދައުރަކީ ބެލެންސް ޝީޓަކަށް ވުރެ ފުޅާ އެއްޗެކެވެ. އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ވެސް މި މަޝްރޫއުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހިފައިވުމަކީ ކުރިމަގުގައި އިޖުތިމާއީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ލިބޭނެ ބޮޑު ބާރެކެވެ.

މި އިމާރާތް އެޅުމުގެ ބައިވެރިއަކަށް ވުމުގެ ފުރުސަތު އެކި ގޮތްގޮތުން ވަނީ ހުޅުވާލެވިފަ އެވެ. އޭގެ ތެރޭގައި އެހީތެރިކަން ދިނުމާއި، ވަކިވަކި ފްލޯތައް ކުއްޔަށް ހިފުމާއި، މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ވަކި ބައިތައް ސްޕޮންސާ ކުރުމުގެ ފުރުސަތު ހިމެނެ އެވެ.

މި ޕްރޮޖެކްޓުގައި ކޮންމެ މީހަކަށް ވެސް އެންމެ މަދުވެގެން 1،000 ރުފިޔާގެ އެހީއަކުން ފެށިގެން ބައިވެރިވެވޭނެ ކަމަށް ފަސްޓް ނެޝަނަލް އިން ހާމަކުރެ އެވެ.

އަދި ކޯޕަރޭޓް ސްޕޮންސަޝިޕްގެ ދަށުން 500،000 ރުފިޔާގެ އެހީ ދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އިމާރާތުގައި ގާއިމްކުރާ 'ރިކޮގްނިޝަން ވޯލް' ގައި އެ ފަރާތްތަކުގެ ނަން ހިމެނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލުމާއެކު، އޭގެ އެންމެ ފުރަތަމަ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިހާރު ވަނީ ބައިވެރިވެފަ އެވެ.