ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮތަޅުބޮނޑިން ފީ ކަނޑާލުން ހިމެނޭހެން ކުނި މެނޭޖުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

ކޮތަޅުބޮނޑިން ފީ ކަނޑާލުން ހިމެނޭހެން ކުނި މެނޭޖުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޕްލާސްޓިކް ކޮތަޅުބޮނޑިން ފީ ނެގުން ހުއްޓާލުމަށް ހިމަނައި، ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރުމަށް ފެންނަކަމަށް ވޯޓު ދެއްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.

މި އިސްލާޙުގެ ދަށުން ގެނެވުނު އެންމެ ބޮޑު ބަދަލަކީ، 50 ކޮތަޅަށްވުރެ އިތުރަށް ހުންނަ ކޮތަޅުބޮނޑިތަކުން ނަގަމުން އައި 2 ރުފިޔާގެ ފީ ކަނޑާލުމެވެ. މީގެކުރިން ވަކި ޚާއްޞަ ހާލަތްތަކެއްގައި މެނުވީ ކޮތަޅުން ފީ މަޢާފު ނުވާތީ، މިއަދު ގެނައި މި ބަދަލާއެކު ދައުލަތަށް ކޮތަޅު ފީގެ ގޮތުގައި ލިބެމުންދިޔަ އާމްދަނީ ދަށްވެގެންދާނެ ކަމަށް ބެލެވެއެވެ.

އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި ބިލަކީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކުރުމަށްފަހު، މި މަހުގެ 12 ވަނަ ދުވަހު މުޅި މަޖިލީހުގެ ކޮމިޓީން 65 މެމްބަރުންގެ ތާއީދާއެކު ފާސްކޮށްފައިވާ ބިލެކެވެ.

ފީ ކަނޑާލުމުގެ އިތުރުން، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ހިންގާ ތަންތަނުގައި ކުނި ބެލެހެއްޓުމުގެ ހަރުދަނާ އުސޫލުތައް އެކަށައެޅުމަށްވެސް މި ބިލުގައި ލާޒިމުކޮށްފައިވެއެވެ. އެގޮތުން ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދަންވާނީ ޤައުމީ މާސްޓަރ ޕްލޭނާއި، ސިޓީތަކަށް އެކުލަވާލާފައިވާ ޚާއްޞަ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މީގެއިތުރުން، ރާއްޖޭގައި ކުނި މެނޭޖްކުރާ ނިޒާމުތައް ފަރުމާކޮށް ޤާއިމުކުރުމުގެ މިންގަނޑުތަކާއި، ކުނި މެނޭޖުކުރާ މަރުކަޒުތަކާއި ވަސީލަތްތަކުގެ ފެންވަރު ހިފެހެއްޓުމާ ގުޅޭ މުހިންމު އިސްލާޙުތަކެއްވެސް މި ބިލުގައި ހިމަނާފައިވެއެވެ.