ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރީ ސަރުކާރުން ކުންފުނިތަކަށް 18،000 މީހުން ނެގި، މުވައްޒަފުން މަދުކުރަންޖެހޭ: މިނިސްޓަރ ޒަރީރު

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ---
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ---

ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް ކުރިއަރާފައިވާ ގައުމުތަކާ އެއްފަދައިން އަމަލުކުރުމަށްޓަކައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން ޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކުންފުނިތަކަށް އެކި ދުވަސްވަރު މީހުން ވައްދާފައިވާ ނިސްބަތަށް ޕީސީބީގެ ރެކޯޑުތަކުގެ އަލީގައި އިޝާރާތްކުރައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، 2018 ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން 2019 އިން 2023 އަށް އެމްޑީޕީގެ ވެރިކަމުގައި އެ އަދަދު ސައްތައިންސައްތަ އިތުރުވެ، އެ މުއްދަތުގެ ތެރޭގައި އެކަނިވެސް 18،053 މުވައްޒަފުން އަލަށް ކުންފުނިތަކަށް ނަގާފައިވާކަމަށް ޒަރީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން، މި ހިނގާ 2024 ވަނަ އަހަރު ފެށިގެން މި ސަރުކާރުން ނަގާފައިވަނީ 4،938 މުވައްޒަފުން ކަމަށާއި، މިއާއެކު މިހާރު ދައުލަތުގެ ކުންފުނިތަކުގައި ޖުމްލަ 41،667 މުވައްޒަފުން އެބަތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ރައްދުދެއްވަމުން ޒަރީރު ވިދާޅުވީ، ސިޔާސީ ފިކުރަށް ނުވަތަ ޕާޓީއަކަށް ބަލައިގެން ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ އަދި ގެންގުޅޭ އުސޫލެއް ނޫން ކަމަށެވެ. އަދި އެފަދަ އެންގުމެއް އެއްވެސް ކުންފުންޏަކަށް ފިނޭންސް މިނިސްޓްރީން އަންގާފައި ނުވާނެކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދީފައިވާނެ ހަމައެކަނި އިރުޝާދަކީ ކުންފުނިތަކަށް ލިބޭ އާމްދަނީއާ ބައްދަލު ގޮތަކަށް ހަރަދުތައް މެނޭޖުކޮށް، އެތަންތަނަކީ އަމިއްލައަށް ދެކޮޅުޖެހޭ ފައިދާހުރި ގޮތެއްގައި ހިނގާ ތަންތަނަށް ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ 53 އިންސައްތަ ހިއްސާކުރަނީ ޕަބްލިކް ސެކްޓަރގެ މުވައްޒަފުންކަން ފާހަގަކުރައްވައި، މިއީ އިގްތިސާދީ ގޮތުން ބަލާއިރު އޮނިގަނޑު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމެއްގެ ގޮތުގައި ޒަރީރު ސިފަކުރެއްވިއެވެ. އެހެންކަމުން މިއީ މުޅި އިގްތިސާދުގެ ސަލާމަތަށްޓަކައި އަދި ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހައްލުކުރަން މަޖުބޫރުވެފައިވާ މައްސަލައެއްކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.