އަތޮޅުތަކުން: ހދ. ނޭކުރެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމައި ނިޒާމު ކޮމިޝަންކޮށްފި
ހދ. ނޭކުރެންދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް، އެ ނިޒާމު ކާމިޔާބުކަމާއެކު ޓެސްޓުކޮށް ކޮމިޝަންކޮށްފިއެވެ.
މި މަހުގެ 13 ވަނަ ދުވަހު މި ނިޒާމު ޓެސްޓުކޮށް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގގެ ޓެކްނިކަލް މުވައްޒަފުންނާއި، މަސައްކަތުގެ ކޮންޓްރެކްޓަރުގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއި ނޭކުރެންދޫ ކައުންސިލް ގުޅިގެންނެވެ.
މިއީ ދިވެހި ދައުލަތުގެ ބަޖެޓުގެ އިތުރުން އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ހައުސިންގ މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާއެވެ.
Ads by BMLމި ޕްރޮޖެކްޓުގެ ދަށުން ރަށުގައި ފެން އުފެއްދުމަށާއި ރައްކާކުރުމަށް ފުޅާ ދާއިރާއެއްގައި އުމްރާނީ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އާރުއޯ ޕްލާންޓް އިމާރާތެއް ހަދައި، ދެ ބޯހޯލް ތޮރުފުމުގެ އިތުރުން 30 ޓަނުގެ ދެ އާރުއޯ ޕްލާންޓް ވަނީ ބަހައްޓާފައެވެ. އަދި ބޯފެން ރައްކާކުރަން 135 ޓަނުގެ ދެ ޓޭންކާއި، ވާރޭފެން ރައްކާކުރުމަށް 200 ޓަނުގެ ޓޭންކެއްވެސް ވަނީ ބިނާކޮށްފައެވެ.
ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ފެން ޓެސްޓުކުރެވޭނެ ޒަމާނީ އާލާތްތަކާއެކު ލެބޯޓްރީއަކާއި އޮފީސް ޖާގައެއްވެސް މި މަޝްރޫޢުގެ ތެރެއިން ވަނީ ތަރައްގީކޮށްފައެވެ. އަދި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން 30 ކިލޯވޮޓުގެ ސޯލާ ޕެނަލްވެސް މި އިމާރާތްތަކުގައި ހަރުކޮށްފައިވެއެވެ.
ރަށުގެ ނަރުދަމާ ނިޒާމު ފުރިހަމަކުރުމަށްޓަކައި ތިން ޕަމްޕިން ސްޓޭޝަނާއެކު ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ގާއިމުކޮށް، ސީ އައުޓްފޯލް ވަނީ އަޅާފައެވެ. މުޅި ރަށަށް މި ހިދުމަތްތައް ފުޅާކުރުމަށް 13.1 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި 10.4 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އަޅައި، ގޭބިސީތަކާއި އިމާރާތްތަކަށް ކެޗްޕިޓް އަދި ފެން މީޓަރު ގުޅައިދިނުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
Ads by MACL
