ވީއައިއޭގެ އައު ޓާމިނަލްގެ ފުރަތަމަ އަހަރު: 3.6 މިލިއަން ފަސިންޖަރުންނާއެކު ރެކޯޑު ކާމިޔާބީއެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް 1 ގެ ޚިދުމަތަށް އެއް އަހަރު ފުރުނުއިރު، 3.6 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތްދީ، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެ ތާރީޚީ ކުރިއެރުމެއް ހޯދައިފިއެވެ.
ޖުލައި 2026 ގައި ފުރަތަމަ އަހަރު ފުރުނު މި ޒަމާނީ ބިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް އިންގިލާބީ ބަދަލެއް ގެނުވި މުހިންމު ބިންގަލެކެވެ.
ފުރަތަމަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ޖުމްލަ 3,682,886 ފަސިންޖަރުން ވަނީ މި ޓާމިނަލުން ޚިދުމަތް ހޯދާފައެވެ. މީގެ ތެރޭގައި ރާއްޖެއަށް އެތެރެވި 1,841,376 މީހުންނާއި، ފުރައިގެން ދިޔަ 1,841,510 މީހުން ހިމެނޭއިރު، ދަތުރުވެރިންގެ 1.6 މިލިއަނަށް ވުރެ ގިނަ ލަގެޖް ވަނީ އެއްވެސް ދަތިކަމެއް ނެތި ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފައެވެ.
Ads by BMLމި މުއްދަތުގައި ރާއްޖެއަށް ޖެއްސި އަދި ފުރި ފްލައިޓްތައް ހިމެނޭހެން ޖުމްލަ 22,885 އަށްވުރެ ގިނަ ދަތުރަށް މި ޓާމިނަލުން ފުރިހަމަ ޚިދުމަތް ދީފައިވެއެވެ. އަދި 11 ޖެނުއަރީ 2026 ގައި އެކަނިވެސް 28,360 ފަސިންޖަރުން ޓާމިނަލް ބޭނުންކޮށް، އެއް ދުވަހެއްގައި އެންމެ ގިނަ ދަތުރުވެރިންނަށް ޚިދުމަތް ދިން ތާރީޚީ ރެކޯޑު ވަނީ ޤާއިމުކޮށްފައެވެ.
ފަސިންޖަރުންނަށް ލުއިފަސޭހަ މާޙައުލެއް ހޯދައިދިނުމުގެ ގޮތުން، މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ވަނީ 750 އަކަމީޓަރުގެ ޒަމާނީ ވެއިޓިންގ އޭރިއާއަކާއި ކުޑަކުދިންނަށް ޚާއްޞަ 136 އަކަމީޓަރުގެ ކުޅޭ ސަރަޙައްދެއް ހުޅުވާފައެވެ. މީގެ އިތުރުން ބީއެމްއެލްގެ ޚިދުމަތްދޭ މަރުކަޒަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށް "ކާމް ރޫމް" އަދި "ބޮލި" ޚިދުމަތް ތަޢާރަފުކޮށް ފެންވަރު ވަނީ މަތިކޮށްފައެވެ.
ޓާމިނަލް 1 ގެ ސަބަބުން ބައިނަލްއަޤްވާމީ ވައިގެ ވިއުގަ އިތުރަށް ފުޅާވެ، ހޮންގކޮންގްގެ ގްރޭޓަރ ބޭ އެއާލައިންސް އާއި ސައުދީގެ ފްލައިނަސްގެ ދަތުރުތައް ފެށިގެން ދިޔައެވެ. އަދި ޤައުމީ އެއާލައިން މޯލްޑިވިއަން އިން އޮސްޓްރޭލިއާގެ މެލްބަން އަށް ފެށި ދިގު ރާސްތާގެ ދަތުރުތަކަކީވެސް މި ޓާމިނަލްގެ ފުރަތަމަ އަހަރު ފާހަގަކޮށްލެވުނު ބޮޑު ކުރިއެރުމެކެވެ.
ޒަމާނީ ވަޞީލަތްތަކާއެކު ވީއައިއޭގެ އައު ޓާމިނަލް 1 އިން ހޯދި މި ކާމިޔާބީއަކީ، ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަރަމުން އަންނަކަން ސާބިތުކޮށްދިން މުހިންމު ހެއްކެކެވެ.
Ads by MACL
