އަތޮޅުތަކުން: އާރުޑީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ ތ. ވޭމަންޑޫ މަގު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ހޮޅިތައް އެރަށަށް ގެންގޮސްފި
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ތ. ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތަށް ބޭނުންވާ މުހިންމު ސާމާނު އެރަށަށް ގެންގޮސްފިއެވެ. އެގޮތުން، މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ހޮޅިތައް މިހާރު ވަނީ އެ ރަށަށް ގެންދެވިފައެވެ.
މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއެވެ. އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި މަގުތައް ހެދުމުގެ މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް ރަށަށް ގެންދެވިފައިވާއިރު، މި މަޝްރޫޢުގެ މަސައްކަތްތައް އެ ކުންފުނީގެ ޓީމުން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މަގުތަކުގައި ވަޅުލަންޖެހޭ ހޮޅިތައް އެޅުމަކީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަރުޙަލާއެވެ.
ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެން ދިއުމާއެކު، ވާރޭވެހޭ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ ޗަކަހެދުމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ރަށުގައި އެއްގަމު އުޅަނދު ދުއްވުމަށާއި ހިނގާބިނގާވެ އުޅުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
Ads by BML
Ads by MACL
