ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ތަކުލީފު ޖެއްސި، ކޮތަޅުން 2 ރުފިޔާ، މި ސަރުކާރުން އުވާލައިފި!

އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ތަކުލީފު ޖެއްސި، ކޮތަޅުން 2 ރުފިޔާ، މި ސަރުކާރުން އުވާލައިފި!

ކުރީގެ އެމްޑީޕީ ސަރުކާރުން ޕްލާސްޓިކް ކޮތަޅުން ނަގަން ފެށި 2 ރުފިޔާގެ ފީއަށް ބޮޑެތި ލުއިތަކެއް ދިނުމާއި، ރާއްޖެއަށް ބޭރުން ކުނި އެތެރެކުރުން އެއްކޮށް މަނާކުރުން ހިމެނޭހެން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެ ބިލާ މެދު ގޮތެއް ނިންމުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާޤުންނެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި މީގެކުރިން ފީ ނެގުމުން އިސްތިސްނާވާ ގޮތަށް އޮތީ ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅުގެ އިތުރުން ކުނި މެނޭޖް ކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އިދާރާއަކުން ކުނި އަޅަން ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިން-ލައިނާތައް އެކަންޏެވެ.

ނަމަވެސް، މަޖިލީހުން މިއަދު ފާސްކުރި އިސްލާހާއެކު، 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން 2 ރުފިޔާގެ ފީ ނެގުން އިސްތިސްނާވާ ގޮތަށް ކަނޑައަޅައި، އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައި އޮތް ބޮޑު ތަކުލީފަށް ވަނީ ނިމުމެއް ގެނެސްދީފައެވެ.

މީގެއިތުރުން، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވެސް ޕްލާސްޓިކް ކޮތަޅަށް ފީ ނަގާކަން ކަށަވަރުކުރުމަކީ ކަމާބެހޭ މިނިސްޓްރީން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ބިލުގައި ވަނީ ހިމަނާފައެވެ.