ޓެކްނޮލޮޖީގެ އެހީގައި އައު އީޖާދުތައްކޮށް، ގައުމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ޒުވާނުންނަށް ފަސްޓް ލޭޑީ ގޮވާލައްވައިފި
ރާއްޖޭގެ ޒުވާނުންނަކީ ހަމައެކަނި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ ވަސީލަތްތަކުގެ އެހީގައި އައު އީޖާދުތައްކޮށް، ގައުމާއި މުޖުތަމަޢަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ޢަމަލީ ހައްލުތައް ހޯދައިދޭ އުފެއްދުންތެރި ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ފަސްޓް ލޭޑީ މިކަމަށް ގޮވާލެއްވީ، މިއަހަރުގެ ބައިނަލްއަޤްވާމީ "ތެވެލި މަހާސިންތާ" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. "ޓްރާންސްފޮމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި މަހާސިންތާގައި އެކަމަނާ ވިދާޅުވީ، ގައުމުގެ މުސްތަޤުބަލު ބިނާކުރުމުގެ މައިބަދައަކީ ޒުވާނުން ކަމަށާއި، އުނދަގޫ ކަންކަމާ ކުރިމަތިލައި އޭގެ ހައްލު ހޯދުމަށް ޒުވާނުން ފަސްޖެހިގެން ނުވާނެ ކަމަށެވެ. އަދި ވިޔަފާރިއާއި އިލްމީ ރޮނގުންވެސް ކުރިއެރުންތައް ހޯދުމަށް އެކަމަނާ ވަނީ ޒުވާނުންނަށް ބާރުއަޅުއްވާފައެވެ.
ރާއްޖޭގެ ޖިއޮގްރަފީ އޮންނަ ގޮތުން ރަށްތައް ކަނޑުގެ މަގުން ވަކިވެފައި އޮތް ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން އެ ދުރުމިންތައް ނައްތާލެވިފައިވާކަން ފާހަގަކުރައްވަމުން، އެކަމަނާ ވިދާޅުވީ މިއީ ދިވެހި ޒުވާނުންނަށް ދުނިޔެއާ ގުޅިލާމެހި، އިޤްތިޞާދީ އައު ފުރުސަތުތައް ހޯދުމަށް ލިބިފައިވާ ފުރުސަތެއް ކަމަށެވެ. އަދި ދިވެހިންގެ އުފެއްދުންތެރި ޚިޔާލުތަކާއި ހައްލުތައް ބައިނަލްއަޤްވާމީ މައިދާނަށް ނެރުމުގެ މަގުވެސް މިއަދު ފަހިވެފައިވާކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
Ads by BMLއާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބަޔޯޓެކްނޮލޮޖީ ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތަކަށް އަލިއަޅުއްވާލައްވަމުން، މީގެ ސަބަބުން ތަޢުލީމީ، ޞިއްޙީ އަދި އިޤްތިޞާދީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެވިދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް، އީޖާދީ މަސައްކަތްތަކުގެ ޙަޤީޤީ މާނައެއް އޮންނާނީ އޭގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ޓެކްނޮލޮޖީގެ ރޭހުގައި އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވިގެންކަން އެކަމަނާގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވިއެވެ.
ތެވެލި މަހާސިންތާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ރިސާޗް ޑިވެލޮޕްމަންޓް އޮފީހުން އިންތިޒާމުކޮށްގެން، ރާއްޖޭގައި އިލްމީ ދިރާސާކުރުމުގެ ސަޤާފަތް އާލާކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ އިލްމީ ކޮންފަރެންސެކެވެ. ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ސިފަކުރެއްވި ގޮތުގައި، މި ކޮންފަރެންސަކީ ހަމައެކަނި އިލްމީ ބައްދަލުވުމެއް ނޫނެވެ؛ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުވެ، އައު ޚިޔާލުތަކާއި އީޖާދުތައް ޙަޤީޤަތަކަށް ހެދުމަށް މަގުފަހިކޮށްދޭ މުހިންމު މާހައުލެކެވެ.
Ads by MACL
