ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޙައްޖުވެރިންނަށް ބޭނުންވާ ބޭސް ސްޓޭޓް ފާމާ މެދުވެރިކޮށް ހޯދުމަށް މަޝްވަރާކޮށްފި

ޙައްޖުވެރިންނަށް ބޭނުންވާ ބޭސް ސްޓޭޓް ފާމާ މެދުވެރިކޮށް ހޯދުމަށް މަޝްވަރާކޮށްފި

ޙައްޖާއި ޢުމްރާގެ އަޅުކަމަށް ފުރާ ދިވެހިންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޙައްޖުވެރިންނަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) މެދުވެރިކޮށް ހޯދުމާ ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޝްވަރާ ފަށައިފިއެވެ.

މި ދެ މުއައްސަސާގެ ދެމެދުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ދިވެހި ޙައްޖާޖީންގެ ޞިއްޙީ ރައްކާތެރިކަން އެންމެ އެދެވޭ ގޮތުގައި ކަށަވަރުކުރުމަށްޓަކައި، ބޭސް ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް ދެމެހެއްޓެނިވި ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ.

މީގެކުރިން ތަފާތު އެކި ފަރާތްތައް މެދުވެރިކޮށް ޙައްޖާޖީންނަށް ބޭސް ހޯދަމުން އައި ނަމަވެސް، އެކަން އެއް ނިޒާމެއްގެ ތެރެއިން މިއަށްވުރެ ފުރިހަމައަށް އިންތިޒާމުކުރުމަށްޓަކައި ސްޓޭޓް ފާމާއިން ބޭސް ގަތުމަށް ޝައުގުވެރިވާކަން ޙައްޖު ކޯޕަރޭޝަނުން މި ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފެންވަރު ރަނގަޅު ބޭހާއި ޞިއްޙީ އާލާތްތައް ފޯރުކޮށްދިނުމުގެ ޤައުމީ ޒިންމާ އަދާކުރަމުން އަންނަ ސްޓޭޓް ފާމާއިން ދެކޭގޮތުގައި، ޙައްޖު ކޯޕަރޭޝަނާއެކު ޤާއިމުކުރެވޭ މި ގުޅުމަކީ ޤައުމީ ފެންވަރުގެ މުއައްސަސާތަކަށް ޞިއްޙީ ސާމާނު ފޯރުކޮށްދިނުމުގައި އެ ކުންފުންޏަށް ޚިދުމަތް ފުޅާކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.