ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރު ފުޅާކުރުމަށް އެމްއޭސީއެލް އިން ރޫސީވިލާތަށް

ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރު ފުޅާކުރުމަށް އެމްއޭސީއެލް އިން ރޫސީވިލާތަށް
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކޮށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން، ރޫސީވިލާތަށް ކުރާ ޚާއްޞަ ދަތުރެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެއެވެ.
މިއަހަރުގެ އޮގަސްޓް މަހުގެ 17 އިން 21 އަށް ރޫސީވިލާތުގެ ވެރިރަށް މޮސްކޯގެ އިތުރުން އެ ޤައުމުގެ ވިޔަފާރީގެ މަރުކަޒު ސެއިންޓް ޕީޓަރސްބާގަށް ކުރާ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.
މި މުހިންމު ދަތުރުގައި ބައިވެރިވާ ރާއްޖޭގެ ޑެލިގޭޝަނުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަންދޫބުން ހިމެނެއެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، އެމްއޭސީއެލް، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުން ރިސޯޓް ލައިފް ޓްރެވަލް އަދި އިން ޓުއާ މޯލްޑިވްސް ފަދަ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ އެހެނިހެން ކުންފުނިތަކުގެ މަންދޫބުން ހިމެނެއެވެ.
ރޫސީވިލާތަކީ ދިވެހިރާއްޖެއަށް އެންމެ މުހިންމު އެއް ފަތުރުވެރިކަމުގެ މާކެޓަށް ވާއިރު، މި ދަތުރުގެ ބޭނުމަކީ ރޫސީވިލާތުން ރާއްޖެއަށް އޮތް ބޮޑު ތަރުހީބުގެ މައްޗަށް ބިނާކޮށް، މާކެޓު އިތުރަށް ފުޅާކުރުމެވެ. މި ދަތުރުގެ ތެރެއިން މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގުގެ ސަރުކާރުގެ އިދާރާތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ޓްރޭޑް ބައިވެރިންނާ ބައްދަލުކޮށް، ރޫސީވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި އެ މާކެޓުގައި ރާއްޖޭގެ ހަރަކާތްތެރިކަން ވަރުގަދަކުރުމަށް މަޝްވަރާކުރާނެއެވެ. އަދި ރާއްޖެ އިޝްތިހާރުކޮށް ވިއްކާ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރެވޭނެ ގޮތްތަކާމެދުވެސް ޚިޔާލު ބަދަލުކުރެވޭނެއެވެ.
މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ގުޅެން ބޭނުންވާ އެއާލައިންތަކާއެކުވެސް ޚާއްޞަ ބައްދަލުވުންތަކެއް ބާއްވާނެއެވެ. މި ބައްދަލުވުންތަކުގައި މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމަށާއި، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި މެދުކެނޑުމެއްނެތި ދަތުރުތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ވީއައިއޭއަށް އަލަށް ސީދާ ދަތުރުތައް ފެށުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. ހަމައެއާއެކު، ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ތަރުހީބު އިތުރުވަމުންދާ ދާއިރާތައް ދެނެގަނެ، ރާއްޖެ އިޝްތިހާރުކުރުމާއި ޓްރެވަލް ޕެކޭޖުތައް މެދުވެރިކޮށް އިތުރު އެއަރލައިން ކެޕޭސިޓީއަށް އެއްބާރުލުން ދެވޭނެ ގޮތްތައްވެސް ހޯދާނެއެވެ.
ރޫސީވިލާތަށް ފެށި މި ދަތުރަކީ، 2026 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޑެލިގޭޝަނަކުން ޗައިނާއަށް ކުރި ދަތުރެކޭ އެއްފަދައިން، ބައިނަލްއަޤްވާމީ މުހިންމު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި އެ ތަރުހީބާ އެއްވަރަށް ވައިގެ މަގުން ގުޅުވާލުން ފުޅާކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ބައެކެވެ. މި ދަތުރުގައި އެމްއޭސީއެލްގެ އެންމެ ބޮޑު އަމާޒަކީ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ބައިވެރިންނާއެކު ސީދާ މަސައްކަތްކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ޚިދުމަތްތައް އިތުރުކޮށް، މި މާކެޓުތަކުން އަންނަ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.