މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަން ނިންމައިފި
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިންގެ އަތުން ނަގަމުންދާ ފެއަރ މުރާޖަޢާކޮށް އެ ފެއަރ ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
މި ނިންމެވުމަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. މި ބަދަލާއެކު އެތެރޭގެ އުދުހުންތަކުގައި ފަތުރުވެރިން ކުރާ ހޭދަ ކުޑަވެގެންދާނެއެވެ.
ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ނިންމެވީ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުތައް ހުރިގޮތް ދިރާސާކުރުމަށްފަހުގައެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފަތުރުވެރިން ދަތުރުކުރުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ.
Ads by BMLޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަނުން ފަތުރުވެރިންގެ އަތުން ނަގާ ފެއަރ ކުޑަކުރުމުން، އަތޮޅުތެރޭގެ ރިސޯޓުތަކަށާއި ގެސްޓްހައުސްތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވާނެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
މީގެއިތުރުން، އެތެރޭގެ އުދުހުންތަކުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް އަގުހެޔޮ އަދި ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަލަށް ގެންނެވި މި ބަދަލު ތަންފީޒުކުރުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ކުރިއަށްގެންދާނެއެވެ.
Ads by MACL
