ކޮންމެ ބިދޭސީއަކަށް އެއް ސިމްކާޑަށްވުރެ އިތުރަށް ނުވިއްކާގޮތަށް ގަވައިދު ހަރުކަށިކޮށްފި
ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށްވެސް ދެން ގަނެވޭނީ އެންމެ ސިމްކާޑެއް ކަމުގައި ކަނޑައަޅައި، ސިމްކާޑު ވިއްކުމުގެ ގަވާއިދު ސަރުކާރުން ހަރުކަށިކޮށްފިއެވެ.
ސަރުކާރުން މިގޮތަށް ނިންމަވާފައިވަނީ 16 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ބަދަލާއެކު، ބިދޭސީއަކު ބޭނުންކުރަމުންދާ ސިމްކާޑު ހަލާކުވެގެން ނުވަތަ ގެއްލިއްޖެ ހާލަތެއްގައިވެސް އިތުރު ނަންބަރެއް ދޫކުރާނީ ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން އެކަން ކުރިއަށް ގެންދިއުމަށްފަހުގައެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ސަރުކާރުން ނިންމެވި ނިންމެވުމެކެވެ. މީގެ އިތުރުން މިއީ ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ފަސޭހައިން ދެނެގަނެ، އެ ފަރާތްތަކާމެދު ގާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރުމަށްޓަކައި އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެކެވެ.
Ads by BMLފަހަކަށް އައިސް ރާއްޖޭގައި ސްކޭމް ކޯލުތަކާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިފަދަ ކުށްތަކުގައި ގިނައިން ބޭނުންކުރަނީ ބިދޭސީންގެ ނަމުގައި ނަގާފައި ހުންނަ ސިމްކާޑުތަކެވެ. އެހެންކަމުން ގަވާއިދު ހަރުކަށިކޮށް ބިދޭސީންނަށް ސިމްކާޑު ވިއްކާ މިންވަރު ލިމިޓުކުރުމަކީ މިފަދަ މައްސަލަތައް މަދުކޮށް މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.
Ads by MACL
