ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެފްޑީސީގެ ޓަވަރުތަކަށް ކުނިއަޅާ މީހުން ހޯދަން ސީސީޓީވީ ނިޒާމު ފުރިހަމަކޮށްފި

އެފްޑީސީގެ ޓަވަރުތަކަށް ކުނިއަޅާ މީހުން ހޯދަން ސީސީޓީވީ ނިޒާމު ފުރިހަމަކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސޯޝަލް ހައުސިންގ ޓަވަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ގަވާއިދާ ޚިލާފަށް ކުނިއަޅާ ފަރާތްތައް ދެނެގަތުމަށްޓަކައި ހަރުކުރަން ފެށި ސީސީޓީވީ ކެމެރާ ނިޒާމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)]އިން ނިންމާލައިފިއެވެ.

އަލަށް މީހުން އާބާދުވާން ފަށާފައިވާ މި މަޝްރޫޢުގެ ދަށުން އަމާން އުދަރެހުގެ 16 ޓަވަރާއި އަމާން ދޯދީގެ 16 ޓަވަރާއެކު ޖުމުލަ 32 ޓަވަރުގައި ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން އަމާން އުދަރެހުގެ ހުރިހާ ޓަވަރެއްގައި ކެމެރާ ހަރުކޮށް ޓެސްޓުކުރުމަށްފަހު ފުރިހަމަ އޮޕަރޭޝަނަށް ގެނެސްފައިވާއިރު، އަމާން ދޯދީގެ ޓަވަރުތަކުގައި ކެމެރާ ހަރުކުރުމަށްފަހު މިހާރު ކުރިއަށްދަނީ ސިސްޓަމް ޓެސްޓުކުރުމުގެ ފަހުގެ މަރުހަލާތަކެވެ.

މި ނިޒާމު ފުރިހަމަވުމާއެކު، ޓަވަރުތަކުގެ އާންމު ސަރަޙައްދުތައް 24 ގަޑިއިރު މޮނިޓަރ ކުރެވެމުންދާނެ ކަމަށާއި، މި ފިޔަވަޅުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މުދަލާއި ފުރާނައިގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެފްޑީސީން ހާމަކުރެއެވެ. ޚާއްޞަކޮށް ޓަވަރުތައް ކައިރިއަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެފައިވާތީ، ޤަވާއިދާ ޚިލާފަށް ކުނި އުކާލާ މީހުން ކެމެރާ މެދުވެރިކޮށް ދެނެގަނެ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓުތަކުގެ ސަލާމަތީ ކަންކަން އެއް ވިއުގައަކުން ބެލެހެއްޓުމަށްޓަކައި ވިނަރެސް ޓަވަރު 9 ގައި ޚާއްޞަ ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މިއީ އެ ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި ކުށުގެ ވެށި ކުޑަކުރުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ ވިލަރެސް މަސައްކަތެކެވެ.