ސިވިލް ކޯޓުގެ ގާޒީ އިހުސާން ވަގުތީ ގޮތުން މަގާމުން ސަސްޕެންޑްކޮށްފި
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާންގެ މައްސަލައެއް ތަހުގީގު ކުރަމުންދާތީ، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ ގޮތުން އޭނާ ހަ ދުވަހުގެ މުއްދަތަށް މަސައްކަތުން ދުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ ގާޒީ އިހުސާން މަސައްކަތުން ދުރުކުރަން ނިންމީ އޭނާއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
ގާޒީ އިހުސާން ސަސްޕެންޑް ކުރިއިރު، އޭނާގެ ސުލޫކީ މައްސަލައެއް ސިވިލް ކޯޓުގެ މުވައްޒަފުންގެ މުވައްޒަފުން ވަނީ އެ ކޮމިޝަނަށް ހުށަހަޅާފައެވެ. ނަމަވެސް، މިއަދު އޭނާ ސަސްޕެންޑް ކުރީ ސީދާ އެ މައްސަލައާ ގުޅިގެން ކަމެއް އަދި ޔަގީނެއް ނުވެއެވެ.
Ads by BMLސިވިލް ކޯޓުގެ މުވައްޒަފުން ޖޭއެސްސީއަށް މައްސަލަ ހުށަހެޅީ ގާޒީ އިހުސާން މުވައްޒަފުންނަށް ފުރައްސާރަ ކުރާ ކަމަށް ބުނެއެވެ. އޭގެ އިތުރުން، މުވައްޒަފުންނާ މުއާމަލާތު ކުރާ ގޮތާމެދު ހިތްހަމަނުޖެހިގެން، އެ ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރުގެ މައްސަލައެއްވެސް މުވައްޒަފުން ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ.
ސިވިލް ކޯޓުގެ މުވައްޒަފުންނާމެދު ތަފާތުކުރުންތައް ގެންގުޅުމާއި، މުވައްޒަފުން ނެގުމުގެ ތެރެއަށް ބައެއް ގާޒީން ނުފޫޒު ފޯރުވާ ކަމުގެ އަޑުތައް އަބަދުވެސް ފެތުރެއެވެ. އަދި އެ ކޯޓުގެ މުވައްޒަފުންގެ ބަޔަކު މީގެ ކުރިންވެސް ބައެއް ގާޒީންނާ ގުޅޭ މައްސަލަތައް ޖޭއެސްސީއަށް ހުށަހަޅާފައިވެއެވެ.
ގާޒީ ހާފިޒާއާ ގުޅޭގޮތުންވެސް މިއީ މިފަދަ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ހުށަހެޅުނު މައްސަލައިގައި މުވައްޒަފުން ބަޔާން ދީފައި ނުވާތީ، މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.
Ads by MACL
