ބޭސް އުފުލާ ޑްރޯނެއް ހަދައިގެން، ސްކޮޓްލެންޑުގެ ދަރިވަރަކު ޔޫކޭގެ އެންމެ މޮޅު ޒުވާން އިންޖިނިއަރަކަށް ހޮވިއްޖެ
އެކަހެރި އަދި ރަށްފުށުގެ ސަރަޙައްދުތަކަށް އަވަހަށް ބޭހާއި ޒަރޫރީ ސާމާނު ފޯރުކޮށްދެވޭނެ އަގުހެޔޮ އޮޓޮނޮމަސް މަތިންދާބޯޓެއް އުފައްދައިގެން، ސްކޮޓްލެންޑުގެ ބްރޮކްސްބާންއަށް ނިސްބަތްވާ ދަރިވަރަކު އިނގިރޭސިވިލާތުގެ "ޔޫކޭ ޔަންގް އިންޖިނިއަރ އޮފް ދަ އިޔަރ" ގެ ޝަރަފުވެރި އެވޯޑު ހާސިލުކޮށްފިއެވެ.
މި އެވޯޑު ހާސިލުކޮށްފައިވަނީ އިނގިރޭސިވިލާތުގައި "ޑްރޯން ބޯއި" ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން ހަގު ދަރިވަރެއް ކަމަށްވާ ކަނަވް ޖެއިން އެވެ. އޭނާ މި އެވޯޑު ހޯދީ އިނގިރޭސިވިލާތުގެ "ދަ ބިގް ބޭންގް ފެއާ" ގައި ބޭއްވި ޒުވާން ސައިންސްވެރިންނާއި އިންޖިނިއަރުންގެ ޤައުމީ މުބާރާތުގައެވެ.
ކަނަވް ފަރުމާކުރި މި އުޅަނދަށް "އޭރޯއެއިޑް: އޮޓޮނޮމަސް ވީޓީއޯއެލް ކުއަޑްޕްލޭން" ގެ ނަން ދީފައިވާއިރު، މި ބޯޓު އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ކާރިސާތަކާއި އެކަހެރި ސަރަޙައްދުތަކުގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމު ބަންދުވެފައިވާ ހާލަތްތަކުގައި، އިންސާނީ އެހީތެރިކަމާއި ކުއްލި ފަރުވާއަށް ބޭނުންވާ ސާމާނު އަވަހަށް ފޯރުކޮށްދިނުމެވެ.
Ads by BMLމި އުޅަނދަކީ ހެލިކޮޕްޓަރާއި ޑްރޯން ފަދައިން ރަންވޭއަކާ ނުލައި ސީދާ މައްޗަށް އަރައި ތިރިކުރެވޭ ގޮތަށް 4 ވަރޓިކަލް މޯޓަރު ހިމަނައިގެން ފަރުމާކޮށްފައިވާ އުޅަނދެކެވެ.
ބޯޓު ވަކި އުސްމިނަކަށް އެރުމަށްފަހު، އޭގެ ފިޔަގަނޑުތަކުގެ އެހީގައި ކުރިއަށް އުދުހުމަށް ޚާއްޞަ މޯޓަރު މަސައްކަތް ފަށާއިރު، އެއާއެކު މައްޗަށް އަރަން ބޭނުންކުރި މޯޓަރުތައް ނިވި، ބެޓެރި ސަލާމަތްކޮށް ދުރު ރާސްތާއަށް ބާރު ސްޕީޑުގައި ދަތުރުކުރެއެވެ.
މަންޒިލާ ހަމައަށް ދިއުމުން، މޯޓަރުތައް އަލުން މަސައްކަތްކޮށް ގަސް ބޯ ޖަންގަލިތަކަށާއި، ފުން ވާދީތަކަށާއި، އަދި ކާރިސާތަކުގައި ހަލާކުވެފައިވާ ސަރަޙައްދުތަކަށް ވެސް ސީދާ ތިރިކުރުމުގެ ޤާބިލުކަން މި އުޅަނދަށް ލިބިފައިވެއެވެ.
ކަނަވް ހާމަކުރި ގޮތުގައި އޭނާ ޑްރޯން ހަދަން ފެށީ އުމުރުން އެންމެ 10 އަހަރުގައެވެ. އަދި އުމުރުން 13 އަހަރުގައި ޑްރޯން ޕައިލެޓް ލައިސަންސް ހޯދައި، ޒުވާނުންނަށް ޑްރޯން ޓެކްނޮލޮޖީ ދަސްކޮށްދިނުމަށް ތަފާތު ވޯކްޝޮޕްތައް ވެސް އޭނާ ވަނީ ހިންގާފައެވެ.
އޭނާގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، އިންސާނިއްޔަތަށް ފައިދާހުރި އައު އީޖާދުތައް އުފެއްދުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރޮބޮޓިކްސް އަދި އޮޓޮމޭޝަން ދާއިރާއިން އިތުރަށް ކުރިއަށް ދިއުމެވެ.
Ads by MACL
