ފުރަތަމަ ފަހަރަށް އަންހެނުން ބައިވެރިވި މައްކާގެ ބޮޑު ގުރުއާން މުބާރާތުން ދިވެހި ގާރިއާ ޝާޔާއަށް ހަތަރުވަނަ
ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުން ދިވެހިރާއްޖެ ތަމްސީލުކުރި ގާރިއާ ފާތިމަތު ޝާޔާ ޒާހިރު ހަތަރުވަނަ ހޯދައިގެން ރާއްޖެއަށް ތާރީހީ ޝަރަފެއް ހޯދައިދީފިއެވެ.
"ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ގުރުއާން މުބާރާތުގެ" މުޅި ގުރުއާން ހިތުން ކިޔެވުމުގެ ގޮފިން މި ވަނަ ހޯދި ޝާޔާއަށް 170،000 ސައުދީ ރިޔާލް، ދިވެހި ފައިސާއިން 699،262 ރުފިޔާ ވަނީ އިނާމެއްގެ ގޮތުގައި ލިބިފައެވެ.
މި މުބާރާތަކީ 46 އަހަރު ވަންދެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށާއި، މި ފަހަރަކީ އެ މުބާރާތުގެ ތާރީހުގައި އަންހެން ގާރިއާއިން ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް އެ ހަފުލާގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. މީގެ ކުރިން މި މުބާރާތުގައި އަންހެނުންނަށް ވަކި ގޮތްޕެއް އޮތުމުގެ ފުރުސަތެއް ނޯވެއެވެ.
Ads by BMLޝާޔާ މި ވަނަ ހޯދުމަކީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ. މި އަހަރުގެ މުބާރާތުގައި 133 ގައުމަކުން 334 ގާރިއާއިން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ ވަނަތައް ހޮވުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ. އެ ޖަލްސާގައި ސައުދީގެ އިސްލާމިކް މިނިސްޓަރު ޝައިހް ޑރ. އަބްދުއްލަތީފް ބިން އަބްދުލްއަޒީޒް އާލް ޝައިހް އަދި މަސްޖިދުލް ހަރަމްގެ އިމާމު ޝައިހް ޑރ. އަބްދުއްރަހުމާން އައްސުދައިސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އުމުރުން 9 އަހަރުގައި ގުރުއާން ހިތުދަސްކޮށް ނިންމި ޝާޔާ ވަނީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުން ރަން ވަނަތައް ހޯދާފައެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރު މިސްރުގައި ބޭއްވި މުބާރާތުން ދެވަނަ ހޯދުން ހިމެނެއެވެ.
Ads by MACL
