ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލީ ދާއިރާގެ ގިނަ ތަޖުރިބާއާއިއެކު ޔަޒްމީދު، ޕެންޝަން އޮފީހުގެ ސީއީއޯއަކަށް!

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ ޔަޒްމީދު މުޙައްމަދު
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ ޔަޒްމީދު މުޙައްމަދު

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަޤާމަށް ޔަޒްމީދު މުޙައްމަދު އައްޔަންކުރައްވައިފިއެވެ.

ޔަޒްމީދަކީ މިނިވަން މުއައްސަސާތަކާއި، ޕަބްލިކް އޮޑިޓިންގް އަދި ވިޔަފާރި މެނޭޖްމަންޓްގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރު، ޖުމްލަކޮށް މާލީ ދާއިރާއިން ކާމިޔާބު ގިނަ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމާއި ހަވާލުވުމުގެ ކުރިން ޔަޒްމީދު އެންމެ ފަހުން އަދާކުރައްވާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސް އަދި ކޮމިޝަނަރުގެ މަޤާމެވެ. މި މުއްދަތުގެ ތެރޭގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ކޮމިޓީގެ މުގައްރިރުކަމާއި، ޖުޑީޝަލް އެކަޑަމީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމުގެ އިތުރުން ފަނޑިޔާރުންގެ މަސައްކަތް އިވެލުއޭޓްކުރާ ކޮމިޓީގެ މެންބަރުކަންވެސް ވަނީ ކުރައްވާފައެވެ.

ޔަޒްމީދު ޚިދުމަތް ފެއްޓެވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުންނެވެ.

މީގެ ކުރިން، 2014 އިން 2019 އަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ (އޭ.ސީ.ސީ) ކޮމިޝަނަރުގެ ހައިސިއްޔަތުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި، މުއައްސަސާތަކުގެ ގަވަރނަންސް ރިވިއުކުރުމުގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް ހިންގުނު މުހިންމު ހަރަކާތްތައް އެމަނިކުފާނު ވަނީ ލީޑުކުރައްވާފައެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ޖަވާބުދާރީވުން އިތުރުކުރުމަށް އެމަނިކުފާނު ކޮށްދެއްވި މަސައްކަތްތަކަކީ، ގައުމީ ރިޓަޔަރމަންޓް ސޭވިންގްސް ފަންޑުގެ ބަލަދުވެރިޔާގެ ހައިސިއްޔަތުން ޕެންޝަން އޮފީހުގެ ގަވަރނަންސް އަދި ނަޒާހަތްތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.

ތައުލީމީ ގާބިލުކަމަށް ބަލާއިރު، ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓެންޓްސްގެ (އޭ.ސީ.ސީ.އޭ) މެންބަރެކެވެ. އެމަނިކުފާނު ވަނީ އޯޕަން ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން އެޕްލައިޑް އެކައުންޓިންގް ދާއިރާއިން ފަސްޓް ކްލާސް އޮނަރސްއާއެކު ބެޗްލަރ އޮފް ސައިންސް ހާސިލުކުރައްވާފައިވެއެވެ. މީގެ އިތުރުން، އެމަނިކުފާނަކީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ (ސީ.އޭ މޯލްޑިވްސް) ވެސް ފަޚުރުވެރި މެންބަރެކެވެ.

ޕެންޝަން އޮފީހުގެ އިދާރީ ހިންގުމާއި ޚިދުމަތްތަކުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމުގެ ގޮތުން، ކޮލިޓީ މެނޭޖްމަންޓްގެ ISO 9001 އަދި އިންފޮމޭޝަން ސެކިއުރިޓީ މެނޭޖްމަންޓްގެ ISO 27001 ސެޓްފިކެޓް ވަނީ ހާސިލުކޮށްފައެވެ.

މީގެ އިތުރުން، އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އައި.އެސް.އެސް.އޭ) އިން ދޭ ހިންގުންތެރިކަމާއި، ޚިދުމަތުގެ ފެންވަރާއި، އަދި ޕެންޝަން ފައިސާ ބަލައިގަތުމުގެ މިންގަނޑުތަކާ ގުޅޭ ޝަރަފުވެރި އެވޯޑުތައް ވެސް އެ އޮފީހަށް ވަނީ ލިބިފައެވެ. ހަމައެއާއެކު، ޕެންޝަން އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ އެންމެހައި މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރި ރާއްޖޭގެ ދައުލަތުގެ ފުރަތަމަ މުއައްސަސާއެވެ.