އައިޔޫއެމްގެ 11 ވަނަ އައިސީއައިއޭގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ ބައިނަލްއަގުވާމީ ފިކުރީ ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަހުގެ 30 އަދި 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ ރާއްޖޭގައި އިލްމީ ދިރާސާތައް ފުޅާކުރުމަށާއި، ދިރާސާވެރިންގެ މެދުގައި ފިކުރީ މަޝްވަރާތައް ބަދަލުކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) އަކީ ދިރާސީ ކަރުދާސްތައް ހުށަހެޅުމަށާއި، ހެކީގެ މައްޗަށް ބިނާކޮށް ގައުމީ އަދި ބައިނަލްއަގުވާމީ މައްސަލަތަކަށް ހައްލު ހޯދުމަށް އިލްމުވެރިން އެއްތަންކޮށްދޭ މުހިންމު ޕްލެޓްފޯމެކެވެ.
Ads by BMLމި ކޮންފަރެންސްގައި އިސްލާމީ ތައުލީމާއި ޝަރީއާގެ އިތުރުން، އިގްތިސާދީ، އިޖުތިމާއީ އަދި ޒަމާނީ އެކި ދާއިރާތަކުން ދިރާސާ ކަރުދާސްތައް ހުށަހެޅުމާއި، ދާއިރާގެ މާހިރުންގެ ބަހުސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކުރުމަށާއި، ޒުވާނުންނާއި ދިރާސާވެރިންގެ ފިކުރީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިނުމަކީ ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން އަބަދުވެސް ހާއްސަ އިސްކަމެއް ދެމުން އަންނަ ދާއިރާއެކެވެ.
Ads by MACL
