ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޖިނިއަރުންގެ ޤައުމީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

އިންޖިނިއަރުންގެ ޤައުމީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

ޤައުމު ބިނާކުރުމުގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމަށް ސަރުކާރުން އަލަށް ތަޢާރަފުކުރި "އިންޖިނިއާސް އެވޯޑު" އަށް ނަން ހުށަހެޅުމުގެ މުއްދަތު، ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން މި ހިނގާ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެވޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ.

މި އަހަރު އަލަށް ދޭން ފަށާ މި އެވޯޑުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށް ޖުމްލަ 10 ގިންތިއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އަހަރުގެ އެންމެ މޮޅު އިންޖިނިއަރ، ލައިފްޓައިމް އެޗީވްމަންޓް، ޒުވާން އިންޖިނިއަރުންގެ އެވޯޑު، އިންޖިނިއަރިންގ ދާއިރާގެ އަންހެނުންގެ އެވޯޑު، އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ އެންޑް އެޑިއުކޭޝަން ރިސާޗް އެވޯޑު، ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު، ކޮންސަލްޓަންސީ ފާމް އޮފް ދަ އިޔަރ، ސްޓޫޑަންޓް އިނޮވޭޓަރ، ކޮމިއުނިޓީ އިމްޕެކްޓް އަދި ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑު ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޢުމްރާނީ އަދި ފަންނީ ތަރައްޤީގައި މަސައްކަތްކުރާ އިންޖިނިއަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރެއްގައި މިފަދަ އެވޯޑެއް ދެއްވަން ފައްޓަވާނެކަން އިޢުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް ވިދާޅުވެފައިވަނީ އިންޖިނިއަރުންގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދީ، މި ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަކީ އޮގަސްޓު މަހުގެ 30 ވަނަ ދުވަހެވެ. މި ދުވަހާ ގުޅުވައިގެން ސްކޫލް ދަރިވަރުންނާއި ޒުވާނުން އިންޖިނިއަރިންގ ދާއިރާއަށް އަހުލުވެރިކުރުވުމަށާއި، ދާއިރާގެ ކުރިއެރުމަށް މަގުފަހިކުރުމަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކާއި ޚާއްޞަ ހަރަކާތްތަކެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.