ގެސްޓްހައުސް ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް: ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3 ލައްކަ ފަހަނައަޅައިފި
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ހާމަވެ، މި އަހަރުގެ މިހާތަނަށް ގެސްޓްހައުސްތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ތިން ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ގެސްޓްހައުސްތަކުގައި 300,469 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މިއީ މިއަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ ނިސްބަތުން 22.2 އިންސައްތައެވެ.
ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި އަދިވެސް އެންމެ ބޮޑު ހިއްސާއެއް އޮތީ ރިސޯޓުތަކަށެވެ. އެގޮތުން ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 73.4 އިންސައްތަ ނުވަތަ 992,462 ފަތުރުވެރިން ރިސޯޓުތައް ހިޔާރުކޮށްފައިވާއިރު، ބާކީ ބައި ހިއްސާކުރަނީ ސަފާރީ އުޅަނދުފަހަރާއި ހޮޓާތަކެވެ.
Ads by BMLމި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,379,151 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެވްރެޖުކޮށް ކޮންމެ ދުވަހަކު 5,996 ފަތުރުވެރިން ރާއްޖެ އާދެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.9 އިންސައްތައިގެ ދަށްވުމެކެވެ.
ގައުމުތަކުގެ ތަރުތީބަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަކީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 250,437 ފަތުރުވެރިން އައިސްފައިވާއިރު، އެއީ ޖުމްލަ ފަތުރުވެރިންގެ 18.5 އިންސައްތައެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރާއްޖޭގައި މިވަގުތު 1,318 ތަނެއް އޮޕަރޭޓް ކުރަމުން އަންނައިރު، އޭގެ ތެރޭގައި ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީ އުޅަނދުތައް ހިމެނެއެވެ. އަދި މި ތަންތަނުގައި ޖުމްލަ 68,472 އެނދު ފަތުރުވެރިކަމަށް ދަނީ ބޭނުންކުރަމުންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުރަތަމަ ފުޅާދާއިރާއެއްގައި ފެށިގެން ދިޔައީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މި ވިޔަފާރި ވަނީ ރަށްރަށުގެ އިގްތިސާދާއި އާންމު ރައްޔިތުންގެ އާމްދަނީއާ ސީދާ ގުޅިފައިވާ މުހިންމު ސިނާއަތަކަށް ބަދަލުވެފައެވެ.
ގެސްޓްހައުސް ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކުރުމުގެ ފުރުސަތު ބޭރުގެ ދަތުރުވެރިންނަށް ފަހިވެ، ބަޖެޓް ޓްރެވަލަރުންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ.
Ads by MACL
