ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: އާރްޑީސީއާއި ހަވާލުކޮށްފައިވާ އދ ދިގުރަށުގެ އެމްއެންޔޫ އިމާރާތުގެ ސާމާނު ރަށު ޖެޓީގައި!

އަތޮޅުތަކުން: އާރްޑީސީއާއި ހަވާލުކޮށްފައިވާ އދ ދިގުރަށުގެ އެމްއެންޔޫ އިމާރާތުގެ ސާމާނު ރަށު ޖެޓީގައި!

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން އދ. ދިގުރަށުގައި ކުރިއަށްގެންދާ އެމްއެންޔޫ ރީސާޗް ފެސިލިޓީ އަދި ސްކޫލް އިމާރާތުގެ އަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް، ރަށު ޖެޓީ ސަރަހައްދަށް ބާލައި މަސައްކަތުގެ ސައިޓަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ރީސާޗް ފެސިލިޓީއަކާއި 3 ފަންގިފިލާގެ ސްކޫލް އިމާރާތެއް އެޅުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ތަކެތި ގެންދިއުމާއެކު، އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އާރްޑީސީން އަންނަނީ ތައްޔާރުވަމުންނެވެ.

މި މަޝްރޫއުގެ ދަށުން ދިގުރަށުގައި ގާއިމުކުރާ އެމްއެންޔޫގެ ރީސާޗް ފެސިލިޓީއަކީ އެ ސަރަހައްދުގެ މުއްސަނދި ކަނޑުފަޅުގެ ދިރުންތަކާއި ތިމާވެށި ދިރާސާކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ މަރުކަޒެކެވެ. މީގެ ސަބަބުން މާލެއިން ބޭރުގައި މަތީ ތައުލީމާއި ދިރާސާތަކަށް ހާއްސަ އިތުރު ދޮރުތަކެއް ހުޅވިގެންދާނެއެވެ.

މީގެ އިތުރުން 3 ފަންގިފިލާގެ އައު ސްކޫލް އިމާރާތުގެ ސަބަބުން ދިގުރަށު ސްކޫލުގައި މިހާރު އޮތް ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ދަރިވަރުންނަށް ޒަމާނީ ވަސީލަތްތަކާއެކު ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާރްޑީސީން މަސައްކަތް ކުރަމުން ދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، ވީހާވެސް އަވަހަށް މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމައި ރައްޔިތުންނަށް ހަވާލުކުރުމަށެވެ.