އަތޮޅުތަކުން: އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެތެރޭގެ އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިންމާލައިފި
އދ. ދަނގެތީ ބަނދަރު ބޮޑުކުރުމާއި ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެތެރޭގެ އެއްގަމުތޮށީގެ ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ. މީގެ އިތުރުން ފަޅު ފުންކުރުމާއި، ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމަށްޓަކައި ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ ތައްޔާރީތައްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދަނގެތީގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ހިންގާ މުހިންމު މަޝްރޫޢެކެވެ. މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
Ads by BMLފަތުރުވެރިކަމާއި ލޯކަލް ވިޔަފާރި ފުޅާވަމުން އަންނަ ދަނގެތީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ނިމުމުން، އެ ރަށަށް ލަފާފުރާ އުޅަނދުފަހަރަށް ފަސޭހަކަމާއެކު ބަނދަރު ބޭނުންކުރެވި، ރަށުގެ އިޤްތިޞާދީ ޙަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ރަށުގެ ކައުންސިލުންނާއި ރައްޔިތުން އުއްމީދުކުރެއެވެ.
Ads by MACL
