ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޓީސީސީ މުވައްޒަފުންނަށް ފްލެޓް: މަޝްރޫޢަށް ބިން ހަމަޖެއްސުމަށް އެޗްޑީސީއާއެކު ބައްދަލުވުމެއް ބާއްވައިފި

އެމްޓީސީސީ މުވައްޒަފުންނަށް ފްލެޓް: މަޝްރޫޢަށް ބިން ހަމަޖެއްސުމަށް އެޗްޑީސީއާއެކު ބައްދަލުވުމެއް ބާއްވައިފި

ހިޔާ މަޝްރޫޢުގެ ދަށުން އެމްޓީސީސީ މުވައްޒަފުންނަށް ޚާއްޞަ ކުރެވުނު ފްލެޓްތައް އެޅުމަށް ބިމެއް ހަމަޖެއްސުމާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީއާއި ކުންފުނީގެ ބައެއް އިސްވެރިންގެ އިތުރުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުއާއި އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ކުރިން އެމްޓީސީސީގެ ޓަވަރުތައް ވުޖޫދަށް އައިސްފައިނުވުމަކީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ބޮޑު ކަންބޮޑުވުމަކަށް ވެފައިވާތީ، އެ މަޝްރޫޢު އަލުން ކުރިއަށް ގެންދިއުމަށްޓަކައި ބިމެއް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމަށް އިޖާބަދެއްވައި ބިމެއް ހަމަޖައްސަވައިދެއްވާފައެވެ.

ރެޔާއި ދުވާލު ދާއޮހޮރުވައިގެން ބުރަކޮށް މަސައްކަތްކުރާ އިޚުލާސްތެރި މުވައްޒަފުން ކޮށްދޭ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަކީ އެމްޓީސީސީގެ މިއަދުގެ މެނޭޖްމަންޓުގެ މައިގަނޑު އަމާޒު ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ނިންމުމާއެކު، ހިޔާ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަކަށް އުންމީދުކޮށްގެން ތިބި އެމްޓީސީސީގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ އުންމީދުތަކުގައި ކުލަޖެހި، އެ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބިގެން ގޮސްފައިވާ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.