ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ރައްޔިތުންނާ އެފްޑީސީން ބައްދަލުކޮށްފި

އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ރައްޔިތުންނާ އެފްޑީސީން ބައްދަލުކުރުން --- ފޮޓޯ: އެޗްޑީސީ
އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ރައްޔިތުންނާ އެފްޑީސީން ބައްދަލުކުރުން --- ފޮޓޯ: އެޗްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ކޮމިއުނިޓީ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް ދެނެގަނެ، ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ސެޝަނެކެވެ.

މި ބައްދަލުވުމުގައި އެފްޑީސީގެ އިސް ވެރިންނާއި ޓެކްނިކަލް ޓީމުތަކުން ބައިވެރިވެ، ޓަވަރުތަކުގެ އާންމު ހިދުމަތްތަކާއި ޕާކިން ޒޯނުތައް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިއެވެ. ހާއްސަކޮށް، ޓަވަރު ސަރަހައްދުގައި އެކުލަވާލާފައިވާ ޕާކިން އިންތިޒާމުތައް ހަރުދަނާކޮށް، ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އަމާން މުޖުތަމައުއެއް ބިނާކޮށް، ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޭއްވި މި ބައްދަލުވުމުގައި، ރައްޔިތުން ފާހަގަކުރި ޝަކުވާތަކާއި ހުށަހެޅުންތައް އެފްޑީސީން ވަނީ އަޑުއަހައި ނޯޓުކޮށްފައެވެ. އަދި ދިރިއުޅޭ މާހައުލަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ، އެންމެނަށް ވެސް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ހައްލުތައް ހޯދައިދޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދިނެވެ.

ހުޅުމާލޭ ފޭސް 2 ގައި އެފްޑީސީން ކުރިއަށްގެންދިޔަ 4,000 ހައުސިން ޔުނިޓުގެ މި ބޮޑު މަޝްރޫއުގެ ދަށުން އެޅި 'އަމާން އުދަރެސް' އަދި 'އަމާން ދޯދި' ޓަވަރުތަކުގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު ދިރިއުޅެމުން އަންނައިރު، މިފަދަ ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައިވެސް ސިލްސިލާކޮށް ބާއްވަމުން ގެންދާނެ ކަމަށް އެފްޑީސީން ހާމަކުރެއެވެ.