5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އަމާން އުދަރެސް ޓަވަރު ސަރަޙައްދުގައި ގަސް އިންދައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ޚާއްޞަ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލެ ފޭސް 2 ގައި އެފްޑީސީން ތަރައްޤީކުރަމުން އަންނަ ސޯޝަލް ހައުސިންގ މަޝްރޫޢުގެ ތެރޭގައި ހިމެނޭ "އަމާން އުދަރެސް" ޓަވަރު 14 ގެ ޕާކިންގ ސަރަޙައްދުގައެވެ. މިއީ ތިމާވެއްޓާ ރައްޓެހި ފެހި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ގަސް އިންދުމުގެ ހަރަކާތުގައި އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަޒީމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެފްޑީސީ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ މުވައްޒަފުން މި ހަރަކާތުގައި ޢަމަލީ ގޮތުން ބައިވެރިވިއެވެ.
Ads by BMLމި ހަރަކާތުގެ ތެރެއިން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވަނީ އެ ސަރަޙައްދުގެ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި ޓަވަރުތަކުގެ ދިރިއުޅުމުގެ ޙާލަތާއި، ޢާންމު ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް އެމަނިކުފާނު ވަނީ ވަރަށް ގާތުން އަޑުއައްސަވައި، އެކަންކަމަށް އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
Ads by MACL
