ޓޫރިޒަމް ޓެކުހުގެ ކުރިއެރުމާއެކު ދައުލަތުގެ އާމްދަނީ 27 ބިލިއަން ރުފިޔާއަށް އަރައިފި
ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓެކްސް އާމްދަނީ އިތުރުވުމާ ގުޅިގެން، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ މައްޗަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 6.8 ބިލިޔަން ރުފިޔާއިން 7.2 ބިލިޔަން ރުފިޔާއަށް (6.5 އިންސައްތަ) އިތުރުވުމެވެ. މީގެ އިތުރުން ޖުމްލަ ޖީއެސްޓީ އާމްދަނީ 9.9 ބިލިޔަން ރުފިޔާއިން 10.7 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އާންމު ޖީއެސްޓީގެ ގޮތުގައި 3.4 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
Ads by BMLވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް 20.6 އިންސައްތަ އިތުރުވެ 5.4 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއާއެކު ޓެކުހުގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 21.1 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 19.3 އިންސައްތަ އިތުރުވެ، 28.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގި 24.5 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިމެނޭ 3.6 ބިލިޔަން ރުފިޔާ ހިމެނެއެވެ.
ބަޖެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ޕްރައިމަރީ ސާޕްލަސް 2.4 ބިލިޔަން ރުފިޔާގައި ހުރި ނަމަވެސް، ޚަރަދުތައް އިތުރުވުމުގެ ސަބަބުން ބަޖެޓުގެ ޖުމްލަ އޯވަރޯލް ބެލެންސް ހުރީ 950.3 މިލިޔަން ރުފިޔާގެ ޑެފިސިޓެއްގައެވެ.
ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ޓެކްސްގެ ނިޒާމު ހަރުދަނާކުރުމާއި ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށް ގެންނަ އިސްލާހުތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތައް އެއްކޮށްލުމާއި، ޕީއެސްއައިޕީ މަޝްރޫއުތައް އިސްކަންދޭ ތަރުތީބުން ކުރިއަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
Ads by MACL
