ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރާއްޖެ އިސްލާމްވި ދުވަހު އަޅަނީ
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ދިމާކޮށް، މުޅި ރާއްޖޭގައިވެސް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފުޅާ ދާއިރާއެއްގައި ތައްޔާރުވާން ފަށައިފިއެވެ.
މި މަޝްރޫއުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހުޅުމާލޭގައި ގާއިމުކުރާ މި ބިނާއަކީ ރާއްޖޭގެ މުއްސަނދި އިސްލާމީ ތާރީޚާއި ފަރުމާވެރިކަން ދައްކުވައިދޭނެ ހާއްސަ ރަމްޒެއް ކަމަށާއި، މި ބިނާ ވެގެންދާނީ އިލްމާއި އީމާންކަން ފަތުރައިދޭ މުހިންމު މަރުކަޒަކަށް ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައެވެ. މިކަމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
Ads by BMLފުރިހަމަ ވަސީލަތްތަކާއެކު ތަރައްގީކުރާ މި ބޮޑު ކޮމްޕްލެކްސްގައި ނަމާދުކުރާ ބައިގެ އިތުރުން ޒަމާނީ ގުރުއާން މިއުޒިއަމަކާއި ދީނީ އިލްމު ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތައް ވެސް ގާއިމުކުރެވޭނެއެވެ. މި މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށްޓަކައި ސައުދީ އަރަބިއްޔާގެ މަޝްހޫރު އަލްރަޖްހީ ކުންފުންޏާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ރަސްމީކޮށް ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ވެސް ރަބީއުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. މި ތާރީޚީ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ދީނީ އަދި ގައުމީ ފެންވަރުގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވަމުންނެވެ.
Ads by MACL
