ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލެއާއި ވިލިމާލެ މާދަމާ ބްރިޖުން ގުޅުވާލަނީ

މާލެއާއި ވިލިމާލެ މާދަމާ ބްރިޖުން ގުޅުވާލަނީ

ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ ސެގްމެންޓްތަކުގެ ތެރެއިން އެންމެ ފަހު ސެގްމެންޓް ހަރުކޮށް، ދެ ރަށް ބްރިޖުން ގުޅާލުމުގެ ޚާއްސަ ހަރަކާތް މާދަމާ ހެނދުނު ބޭއްވުމަށް އެފްކޮންސްއިން ނިންމައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނީ، މާދަމާ ހެނދުނު 11:00 އަށް ތާވަލުކޮށްފައިވާ މި ހަރަކާތާއެކު މާލެއާއި ވިލިމާލެ ގުޅުވައިދޭ ބްރިޖުގެ މައި އޮނިގަނޑު ނުވަތަ ސުޕަ ސްޓްރަކްޗާގެ މަސައްކަތް މުޅިން ފުރިހަމަވެގެންދާނެ ކަމަށެވެ.

މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، ބްރިޖުގެ ފިނިޝިން މަސައްކަތްތަކާއި، ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، އަލިކުރުމުގެ މަސައްކަތްތައް ފަދަ އިތުރު އިދާރީ އަދި ފަންނީ މަސައްކަތްތަކަށް އަދި ވަގުތު ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން ބްރިޖު މަތިން އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިން މަސައްކަތްތައް އެކީ ނިމުމުން ކަމަށް އެފްކޮންސްއިން މައުލޫމާތު ދެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ފެށި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިންމަން އެކި ތާރީޚުތައް ދިން ނަމަވެސް، މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސް، ކުރިން ނިންމިފައިނުވެއެވެ. އޭގެ ފަހުން މި ސަރުކާރުގައި އެ މަޝްރޫއުގެ މަސައްކަތްތައް އަވަސްކޮށް، ކުރިއަށްގެންދިއުމަށް އިސްކަންދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއެކުގައެވެ.