ބަންގްލަދޭޝްގެ އާ ރައީސް މިރްޒާ ފަޚްރުލް އަށް ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ
ފާއިތުވި ތިން ދަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވުނު އެންމެ ވާދަވެރި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އެ ޤައުމުގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވަނީ، މިއީ ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގައި ބޭއްވި މިފަދަ ފުރަތަމަ އިންތިޚާބު ކަމަށާއި، މި ކާމިޔާބީއަކީ ބަންގްލަދޭޝްގެ ޑިމޮކްރެސީގެ ތާރީޚުގައި ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ އައު ރައީސަށް އެ ޤައުމުގެ ރައްޔިތުން ކުރާ ފުރިހަމަ އިތުބާރު ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމުގައިވެސް ވިދާޅުވިއެވެ.
ދެ ޤައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ގުޅުމަކީ ތާރީޚީ ގޮތުން ވަރުގަދަ އަދި ސަރަޙައްދީ ހަމަޖެހުމާއި ތަރައްޤީއަށް ދެ ޤައުމުންވެސް އިސްކަންދޭ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި އައު ރައީސްގެ ޒަޢާމަތުގައި މި ގުޅުން އިތުރު ހަރުފަތްތަކަކަށް ގެންދެވި، އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ އައު ރައީސް މިރްޒާ ފަޚްރުލްގެ ދައުރުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙަމަސަލަސްކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަކީ ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އެ ޤައުމުގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ އަދި ތަޖުރިބާކާރު ސިޔާސީ ލީޑަރެކެވެ. ބަންގްލަދޭޝްގެ ސިޔާސީ މަސްރަޙަށް އައި ބޮޑެތި ބަދަލުތަކާ ގުޅިގެން ބޭއްވި މި އިންތިޚާބު ވެގެންގޮސްފައިވަނީ ޤައުމުގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު އަލުން ހަމަމަގަށް އެޅުވުމަށް އެޅުނު މުހިންމު ފިޔަވަޅަކަށެވެ.
Ads by MACL
