ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ވ. ކެޔޮދޫ، ދޭލިޔާގެ، އަހްމަދު ފާޒިލް ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްގެ އިތުރުން ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، އުމުރުން 31 އަހަރުގެ ފާޒިލް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ދެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފާޒިލްގެ މައްޗަށް މަސްތުވާތަކެތީގެ ތުހުމަތު ކުރެވިފައިވާއިރު، މިދިޔަ މަހު ކެޔޮދޫގައި ހިންގި މާރާމާރީއެއްގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކުރިއެވެ. 58 އަހަރުގެ މީހަކަށް ހަމަލާދީ ހިންގި އެ މާރާމާރީގެ މައްސަލައިގައި އޭނާގެ އިތުރުން ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިޔާ އަހްމަދު ފައިރޫޒްވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ މާރާމާރީގެ މައްސަލައިގެ އިތުރުން، މި މަސްތުވާތަކެތީގެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.