ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢުމަރު މުޙައްމަދުގެ މަތިވެރި އަސްކަރީ ޚިދުމަތް

ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢުމަރު މުޙައްމަދުގެ މަތިވެރި އަސްކަރީ ޚިދުމަތް

ޢަބްދުﷲ ސަޢީދު

ގ. އައިނާ،ލާންސް ކޯޕްެރަލް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު (ރ. ޅަހުއްތު) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1959 ގައެވެ. މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިން ފެށްޓެވި މި ދަތުރުގައި 40 އަހަރު ފުރިހަމަ ކުރައްވާ ދެވަނަ ޕެންޝަން ހާސިލުކުރެއްވީ 1999 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހުއެވެ. ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލްކަން ކުރައްވައިފައިވާ ޅަހުއްތުބެއަކީ ޤައުމާއި ވެރިންނަށް ވަފާތެރި ބޭފުޅެކެވެ. އެންގެވި ކޮންމެ ކަމެއް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރެއްވި މުރާލި ހީވާގި ބޭފުޅެކެވެ. ގަޑިއަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ސިފަވަންތަ ބޭފުޅެކެވެ.

ޅަހުއްތުބެއަކީ ސިފައިންނާއި ސިފައިންގެ ޚިދުމަތް ދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުން ވަކިވެވަޑައި ގެންނެވި ފަހުން ވެސް ސިފައިންގެ ޚިދުމަތަށް ފަޚުރުވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. ސިފައިންގެ ބޭންޑުގައި ކޮމާންޑަރ މޮޓަރ ޙަސަން މަނިކުމެން އުޅުއްވި ދުވަސްވަރު ސިފައިން ކުރާ ބުރަ ބޮޑެތި މަސައްކަތްތަކުގައި ފޯރިއާއި ޖޯޝް އުފެއްދުމަށް ބަސް އޮޅުވައިގެން ކިޔާ މަޖާ ލަވައެއް އޮވެއެވެ. މި ލަވަ ރެކޯޑްކޮށް ރައްކާކުރެވިފައެއް ނުވެއެވެ. ސިފައިންގޭގައި މި ލަވަ ދަންނަ މީހަކު ވެސް މިހާރަކު ނެތެވެ. މިހެން މިކަން އޮއްވައި މި ލަވަ މިހާރުގެ ސިފައިންގެ ސަމާލުކަމަށް ގެނެސް ދެއްވީ ޅަހުއްތުބެއެވެ. ސިފައިންގެ ބޭންޑު މާސްޓަރެއްގެ ގޮތުގައި މިވަގުތު ހުންނެވި އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ މޭޖަރ އިސްމާޢީލް އަކްރަމަށް ޅަހުއްތުބޭ ވަނީ ވީޑިއޯ ރެކޯޑްކުރާގޮތަށް މި ލަވައިގެ މައިގަނޑު ވިދާޅުވެ ދެއްވާފައެވެ. ހިތުންނެވެ. އެ ލަވައަކީ "ވެޓާ ވެލްވެ ރެޑީ ވެޓިއު ޑަބަލް ވެރެޑިއަމް ލެފްޓް ރައިޓް" އެވެ.

ޅަހުއްތުބޭ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ސިފައިން ކުރަންޖެހުނު މުހިންމު ޤައުމީ ބޮޑެތި ގިނަ މަސައްކަތްތަކެއްގައި ބައިވެރިވެ ވަޑައިގަތެވެ. މިގޮތުން މާލޭގެ ބިން ހިއްކުމުގެ މަޝްރޫޢަށް ސިފައިންގެއިން ވެލި ހަދިޔާ ކުރުމަށް ކުރި މަސައްކަތް ފާހަގަ ކުރެވެއެވެ. ދޫނިދޫން ވެލިގެނެސް ވެލިފުނި ޖެހުމުގެ މަސައްކަތުގެ ތެރޭގައި 1979 ވަނަ އަހަރު ބަނޑެއް އަޑިއަށް ގޮސް ސިފައިން 6 ބޭކަލަކު ނިޔާވީ ސިފައިން މި މަސައްކަތުގައި ފޯރީގައި އުޅެނިކޮށެވެ.

ސިފައިންގެ ޚިދުމަތުގައި ޅަހުއްތުބޭ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޖަލު ބަލާހައްޓަވާ ސަރުދާރެއްގެ ގޮތުގައެވެ. އެ މަސައްކަތުގައި ވެސް ދެއްކީ ރިވެތި އަޚުލާޤާއި ނަޒާހަތްތެރިކަމެވެ. ތެދުވެރިކަމާއި ވަފާތެރިކަމެވެ. ސިފައިންގެ ރަސްމީ ލިޔުންތަކުން ފެންނަން އޮތީ 1999 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހު ދެވަނަ ޕެންޝަނާއެކު ސިފައިންގެ ޚިދުމަތުން ވަކިވެވަޑައި ގެންނެވީ ކަމަށެވެ. ނަމަވެސް ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ޝަރަފާއެކު ރައީސް އޮފީހުން ނެރުއްވި ޚިދުމަތުގެ ތަޝްރީފުގައި އޮތީ "ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޚިދުމަތުން ޢުމަރު މުޙައްމަދު ބަދަލުކުރެއްވީ، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ސުޕަވައިޒަރު ކަމުގެ މަގާމަށެވެ. މި މަގާމަށް ބަދަލުކުރެއްވީ، 21 އޮކްޓޫބަރު 1999 ގައެވެ." ގަބޫލުކުރެވޭ ގޮތުގައި އޭރުގެ އާދަކާދައާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ މިވަނީ ސަރުކާރުގެ ވަޒީފާ ޅަހުއްތުބެއަށް ގުޅުވައި ދެއްވާފައެވެ.

ޅަހުއްތުބޭ ފަހުން ޚިދުމަތް ކުރެއްވީ ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގައެވެ. އެ ދުވަސްވަރު ވެސް ޅަހުއްތުބޭ ދައްކައިދެއްވީ މަތިވެރި އަސްކަރީ އަޚުލާޤެވެ. ފުރިހަމަ ސިފައިންގެ ބޭކަލެއްގެ ރިވެތި އުޅުމާއި އަޚުލާޤެވެ. ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން 1 މޭ 2008 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ސީނިއަރ ސުޕަވައިޒަރު ކަމުގެ މަގާމުގައެވެ. ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި މުއްދަތާއި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގައި ޚިދުމަތް ކުރެއްވި މުއްދަތާ އެކު ޅަހުއްތުބޭ ޗަނީ ދިވެހި ދައުލަތަށް 48 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ.

ޅަހުއްތުބޭ ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު - 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ހާސިލުކުރައްވާފައެވެ.