ބޯހިޔާވަހިކަމުގެ ފޯމުތަކުގައި ފުށުއެރުމެއް އުޅޭނަމަ އިސްލާހުކުރަން ހަފުތާއެއްގެ ފުރުސަތެއް
މާލޭ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނުވަތަ ފުށުއެރުމެއް ފާހަގަކުރެވިއްޖެނަމަ، އެކަމުގެ ލިޔެކިޔުންތައް ހުށަހަޅައި އިސްލާހުކުރުމަށް ހައުސިން މިނިސްޓްރީން ހަތް ދުވަހުގެ މުއްދަތެއް ދޭން ނިންމައިފިއެވެ.
މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މިހާރު ކުރިއަށްދާ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާގައި، އެޕްލިކޭޝަންގައިވާ މައުލޫމާތާއި ސަރުކާރުގެ އެކި އިދާރާތަކުންނާއި ކައުންސިލްތަކުން ލިބޭ މައުލޫމާތުތަކުގައި ފަރަގެއް އުޅޭނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި ޕޯޓަލްގައި ފާހަގަކުރާ ކަންކަން ފޯމު ހުށަހެޅިއިރު ދީފައިވާ މޯބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށްވެސް ހިއްސާކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ޕޯޓަލް މެދުވެރިކޮށް ފޮނުވާ ނޯޓިސްއާ ގުޅިގެން އިތުރު ތަފުސީލާއި ލިޔެކިޔުން ހުށަހެޅުމަށް ކަލަންޑަރު ހަތް ދުވަސް ލިބޭނެ ކަމަށާއި، ދީފައިވާ މުއްދަތުގައި ޖަވާބުދާރީ ނުވެއްޖެނަމަ އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައި ކެންސަލްވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
Ads by BMLމި މައްސަލަތަކަށް ޖަވާބު ހުށަހެޅޭނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ކަމަށްވާއިރު، އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ފޮނުވާ އެއްވެސް ލިޔުމެއް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށްވެސް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
މި ސްކީމުގެ ދަށުން 7،900 ފްލެޓާއި، 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ރަސްމާލެ ހިމެނޭހެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބޭ މީހުން ކަނޑައަޅައި މި އަހަރުގެ ތެރޭގައި އިއުލާނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
Ads by MACL
