ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ އައު ކާގޯ ޓާމިނަލުން އޮފީސް ހިންގަން ބީލަމަށް ހުޅުވާލައިފި

ވީއައިއޭގެ އައު ކާގޯ ޓާމިނަލުން އޮފީސް ހިންގަން ބީލަމަށް ހުޅުވާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޒަމާނީ އައު ކާގޯ ޓާމިނަލްގައި ހުރި އޮފީސް ޖާގަތައް ކުއްޔަށްދީގެން ހިންގާނެ ފަރާތްތައް ހޯދުމަށް އެމްއޭސީއެލް އިން ބީލަމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި މި ބީލަން ކާމިޔާބުކުރާ ފަރާތްތަކަށް އެ ތަނުގައި ޚިދުމަތް ދިނުމުގެ އޮޕަރޭޓިންގ ލައިސަންސް ދޫކުރެވޭނެ ކަމަށާއި، އޮފީސްތައް ހިންގަންވާނީ އެމްއޭސީއެލްގެ ކަނޑައެޅިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ކާގޯ އެއާލައިންތަކާއި ކާގޯ ސޭލްސް އެޖެންޓުންގެ އިތުރުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ރަޖިސްޓްރީވެފައިވާ ކްލިއަރިންގ އެންޑް ފޯވަޑިންގ އެޖެންޓުންނާއި ކޫރިއާ އެޖެންޓުންނަށެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 އޮގަސްޓު 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:15 ގެ ކުރިން އެމްއޭސީއެލްގެ ޓެންޑާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހޭއިރު، ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 6 ސެޕްޓެންބަރު 2026 ގެ ހެނދުނު 10:15 ގައެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން ގާއިމުކޮށް ރަސްމީކޮށް ހުޅުވި މި އައު ކާގޯ ޓާމިނަލަކީ އަހަރަކު 100،000 މެޓްރިކް ޓަނަށް ވުރެ ގިނަ މުދާ އެއްފަހަރާ ހޭންޑްލްކުރުމުގެ ގާބިލުކަން ލިބިފައިވާ، ޒަމާނީ ކޯލްޑް ސްޓޯރޭޖް ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ.

އައު ކާގޯ ކޮމްޕްލެކްސްގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ މުދާ ކްލިއަރކުރުމުގެ ދުވެލި ކުރިއަށްވުރެ އެތައް ގުނައެއް އަވަސްވެ، ކާގޯ ޚިދުމަތް ދޭ ވިޔަފާރިތަކަށް ޒަމާނީ އޮފީސް މާހައުލެއް ފަހިވެގެންދާނެއެވެ.