ހަނަފަސްކަމާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ
ބިން ހަލާކުވުމާއި ހަނަފަސްކަމުގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ދުނިޔޭގެ ފެންވަރުގައި މަޝްވަރާކުރުމަށް ބާއްވާ އދ. ގެ މުހިންމު ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދީފިއެވެ.
މޮންގޯލިއާގެ ވެރިރަށް އުލާންބާތާރުގައި މި މަހުގެ 14 އިން 28 އަށް ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް17) ގައި ދިވެހި ސަރުކާރު ތަމްސީލުކުރައްވަނީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އާއި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ.
"ރީސްޓޯރިންގ ލޭންޑް. ރީސްޓޯރިންގ ހޯޕް" ނުވަތަ "ބިން އާރާސްތުކުރުން. އުންމީދު އާކުރުން" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ސަމިޓުގައި، ރާއްޖޭގެ އެއްގަމާއި ތިލަފަޅުގެ ނާޒުކު ވެށި ހިމާޔަތްކުރުމަށް ކުދި ޖަޒީރާ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް ދިވެހި ވަފުދުން ވަނީ އާކޮށްފައެވެ.
Ads by BMLމި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކުރުމާއި، ކުރީބައިގައި އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ އިތުރުން ރިސްކް ފައިނޭންސިންގ ހިމެނޭ ބައިނަލްއަޤުވާމީ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމެވެ.
ހަލާކުވަމުންދާ ދަނޑުބިންތަކާއި ވިނަދަނޑުތައް އާރާސްތުކޮށް، "ލޭންޑް ޑީގްރެޑޭޝަން ނިއުޓްރަލިޓީ" ގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މި ސަމިޓުގައި ބާރުއަޅައެވެ.
މީގެ އިތުރުން މޫސުމީ ލަނޑުދަނޑިތަކާ އެއްގޮތްވާ ފަސްގަނޑާއި ފެނުގެ ވަސީލަތްތައް ބެލެހެއްޓުމަށާއި، ޤުދުރަތީ ވެށި އާރާސްތުކުރުމުގައި ސައިންޓިފިކް ދިރާސާތަކާއި ހޯދުންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ މުހިންމުކަން މި ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.
ޔޫއެންސީސީޑީ އަކީ 1992 ވަނަ އަހަރު ބޭއްވި ރިއޯ އާތު ސަމިޓުގައި އެކުލަވާލި މުހިންމު މުޢާހަދާތަކުގެ ތެރެއިން ބިމާއި ފަސްގަނޑު ހިމާޔަތްކުރުމަށް އދ. އިން ޤާއިމުކޮށްފައިވާ ޤާނޫނީ ގޮތުން ބާރުލިބިދޭ ހަމައެކަނި ބައިނަލްއަޤުވާމީ އެއްބަސްވުމެވެ. ޖަޒީރާ ޤައުމެއްގެ ގޮތުން ބިމުގެ ޖާގަ ކުޑަ އަދި ގޮނޑުދޮށް ގިރުމާއި ފަސްގަނޑުގެ ނާޒުކުކަން ބޮޑު ރާއްޖެ ފަދަ ޤައުމުތަކަށް، މި މުޢާހަދާގެ ދަށުން ލިބޭ ފަންނީ އެހީތެރިކަމާއި ސިޔާސަތުތަކަކީ ތިމާވެށި ރައްކާތެރިކުރުމަށް ކޮންމެހެން މުހިންމު ވަސީލަތްތަކެކެވެ.
Ads by MACL
