ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވެރިކަމުގައި ހުންނެވީ ރައީސް މުއިއްޒު، ވިލިމާލެ އާއި މާލެ ބްރިޖަކުން ގުޅުވާލީ މިއަދު!

ވެރިކަމުގައި ހުންނެވީ ރައީސް މުއިއްޒު، ވިލިމާލެ އާއި މާލެ ބްރިޖަކުން ގުޅުވާލީ މިއަދު!

ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވައިދޭ ބްރިޖުގެ އެންމެ ފަހު ސެގްމަންޓް މިއަދު އަރުވައި، ދެ ރަށް އެއްކޮށް ގުޅާލައިފިއެވެ.

މި ކަން ހާމަކޮށްފައި ވަނީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ އެންމެ ފަހުގެ ފޮޓޯތަކާ އެކު، ހައުސިން މިނިސްޓްރީގެ މީސް މީޑިއާގެ މަންސަތަކުގައި އާންމުކުރި މެސެޖެއްގައެވެ. އެ މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމަންޓް ލޯންޗުކޮށް، ދެ ސަރަހައްދު މިހާރު ވަނީ ގުޅާލެވިފައި ކަމަށެވެ.

މި މުހިންމު ކާމިޔާބީއާ އެކު، މާލެ އާއި ވިލިމާލެ ދެމެދު ބްރިޖުގެ މައި އޮނިގަނޑު އެއްކޮށް ނިމި، ދެން ކުރިއަށްދާނީ ރޭލިންގްސް ހަރުކުރުމާއި މަގުބައްތި ޖެހުން ފަދަ ފިނިޝިން މަސައްކަތްތަކެވެ. މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، އާންމު ދަތުރުފަތުރަށް ބްރިޖު ހުޅުވާލެވޭނީ މި ފިނިޝިން މަސައްކަތްތައް ފުރިހަމައަށް ނިމުމުންނެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ 500 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ހައެއް ޕޮއިންޓް ދެ ބިލިއަން ރުފިޔާގެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެކެވެ. މީގެ ތެރެއިން އެއްސަތޭކަ މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ.

މި މަޝްރޫއަށް ބޭނުންވާ ބާކީ ފައިސާ ހަމަޖައްސާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ދީފައިވާ ލޯނު އެހީގެ ދަށުންނެވެ. ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް ކުރަމުން ދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނިންނެވެ.

އިންޖިނިއަރިންގެ ގޮތުން ގޮންޖެހުންތަކެއް ހުރި މި ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިއާގެ ފަންނީ މާހިރުން ވެސް ބައިވެރިވެއެވެ. މުޅި ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު ނިމޭއިރު، މާލެއިން ފެށިގެން ވިލިމާލެ، ގުޅިފަޅު އަދި ތިލަފުއްޓާ ހަމައަށް އެއްގަމުމަގުން ދަތުރުކުރެވޭނެ އެވެ.