އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ނަންފުޅު މަޖިލީހަށް ހުށަހަޅުއްވައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އެންމެ ފުރަތަމަ އެ މަގާމު ފުރައްވަވާފައިވާ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ނަންފުޅަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހަށް ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުން ފެށިގެން ސޯދަވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވައި މަޖިލީހަށް ހުށަހެޅުއްވީ ޢަބްދުލްޢަޒީޒްގެ ނަންފުޅެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާޠިމަތު ނިއުޝާ އިއްވެވި ސިޓީފުޅުގައި، މަގާމަށް ކުރިމަތިލެއްވި އިތުރު ބޭފުޅުންގެ ނަންފުޅުތައް ހިމެނޭކަން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އެ ސިޓީފުޅު އާންމުކުރައްވާފައި ނުވާތީ، ދެން ކުރިމަތިލެއްވީ ކޮން ބޭފުޅުންނެއްކަމެއް އަދި ސާފެއް ނުވެއެވެ.
Ads by BMLޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މި ވަގުތު ހުންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އޭނާއަކީ ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އެންމެ ފުރަތަމަ ޢަބްދުލްޢަޒީޒް އައްޔަންކުރެއްވީ ދެހާސް ސާދަވަނަ އަހަރުގެ ޖުލައި މަހުގެ ބާވީސްވަނަ ދުވަހުއެވެ. މީގެއިތުރުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ދިވެހިބަސް ދިރާސާކުރެއްވުމުގެ މަސައްކަތްތައްވެސް ކުރައްވަމުންދާ ބޭފުޅެކެވެ.
ޤާނޫނު އޮންނަ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
Ads by MACL
