ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔާމިން ކުރިމަތީގައި ނަޝީދުގެ ބަހުގެ ހަމަލާތަކެއް، ތިނަދޫގެ ތަރައްގީއަކީ ކޮންކްރީޓެއް ނޫން. އެއީ ޑިމޮކްރެޓިކް ނިޒާމް: ނަޝީދު

ޔާމިން ކުރިމަތީގައި ނަޝީދުގެ ބަހުގެ ހަމަލާތަކެއް، ތިނަދޫގެ ތަރައްގީއަކީ ކޮންކްރީޓެއް ނޫން. އެއީ ޑިމޮކްރެޓިކް ނިޒާމް: ނަޝީދު

ތިނަދޫ ސިޓީއަށް ލިބިފައިވާ ތަރައްގީގެ އަސްލަކީ ކޮންކްރީޓް ނޫން ކަމަށާއި، އެއީ ޑިމޮކްރެޓިކް ނިޒާމުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫގައި މީހުން އަލުން އާބާދުވިތާ ފަސްދޮޅަސް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު އޮތީ ގދ. ތިނަދޫގައެވެ. ނަޝީދު ދެއްކެވި ވާހަކަފުޅަކީ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކަށް އަމާޒުކުރައްވައި ދެއްކެވި ބަސްފުޅެއް ކަމަށް ބެލެވެއެވެ.

ރައީސް ޔާމީނަކީ ބޮޑެތި އުމްރާނީ އަދި ކޮންކްރީޓް ތަރައްގީ ރާއްޖެއަށް ގެނެސްދެއްވި ވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭފުޅެކެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައިވެސް ތިނަދޫއަށް އެމަނިކުފާނުގެ ސަރުކާރުގައި ކޮށްދެއްވި ކަންކަން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަށްފަހު ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، މާޒީގައި ލާމަރުކަޒީ ނިޒާމު ނެތުމުގެ ސަބަބުން ކުރެވުނު އިހުތިޖާޖުތައް އެންމެ ފަހުން ބަދަލުވެގެން ދިޔައީ ދެކުނުގެ ތިން އަތޮޅު ދިވެހި ދައުލަތާ ވަކިވެގެން ދިޔުމަށް ކަމަށެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމު ތައާރަފްވެ، ތިނަދޫ ރައްޔިތުންނާއެކު ކުރެވުނު މަސައްކަތުން ރާއްޖެއަށް ޑިމޮކްރެޓިކް ނިޒާމެއް ގެނެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިނަދޫގައި ރައްޔިތުން މިއަދު ދެކޭ ހުރިހާ ތަރައްގީއެއްގެ އަސްލަކީ އެ ޑިމޮކްރެޓިކް ނިޒާމު ކަމަށް ނަޝީދު ވިދާޅުވިއެވެ. ތަރައްގީއަކީ ކޮންކްރީޓް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ވިސްނުމަށް އައި ބަދަލާއި މިނިވަންކަމަށް ކުރާ ގަދަރު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެކަން ތިނަދޫ ރައްޔިތުންނަށް ސާފުވެފައިވާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ދައުލަތަށް އާމްދަނީ ލިބޭ މިންވަރު އިތުރުވުމުން އަޅަންވީ މަގުތަކާއި، އިމާރާތްތަކާއި، ބަނދަރުތަކާއި ނަރުދަމާތައްވެސް ހަދަންވީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއް ކުރާއިރުވެސް ހަމައެކަނި ނުކުރަންވީ ކަމަކީ ވައްކަން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ވާހަކަފުޅަކީވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ފެންމަތިވި ޚިޔާނާތުގެ މައްސަލަތަކަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅެއް ކަމަށް ބެލެވެއެވެ.