ކައުންސިލްތަކުން ވަކި ސަރުކާރުތަކެއްގެ ސިފަ ޖެހި ޤައުމު ބައިބައިވުމުގެ ބިރު އެބައޮތް: ސަލީމް
ރާއްޖެއަކީ ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ޔުނިޓަރީ ދައުލަތަކަށް ވީނަމަވެސް، ބައެއް ކައުންސިލްތަކުގެ ޢަމަލުތައް ހުންނަ ގޮތުން މައި ސަރުކާރުގެ ބާރު ކެނޑި ޤައުމު ބައިބައިވެދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ދެއްވައިފިއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ފާހަގަކުރެއްވީ، ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ރާއްޖެއަކީ ފެޑެރަލް ނިޒާމެއް ނޫންކަމާއި މުސްތަޤިއްލު ޔުނިޓަރީ ދައުލަތެއްކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިހާރު ފެންނަމުންދަނީ ބައެއް ކައުންސިލްތަކުން މައި ސަރުކާރުގެ ބާރުން ބޭރުވެ އަމިއްލަ ސަރުކާރުތަކެއް ހިންގަން އުޅޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ ކަންބޮޑުވުން ހާމަކުރައްވަމުން ވިދާޅުވީ ދެ ރަށެއްގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުމެއްގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް މީހުން އެރުން މަނާކުރާ ހިސާބަށް ވެސް ކައުންސިލްތަކުގެ ނުފޫޒު ގޮސްފައިވާ ކަމަށެވެ.
Ads by BMLދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ޤައުމު އިސްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ އިޚްތިޔާރު ރައީސަށް އޮންނާނެކަން ސަލީމް ހަނދާންކޮށްދެއްވިއެވެ. އަދި ޤާނޫނުތަކަށް ބަދަލު ގެނައުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްލާމީ ތާރީޚަށް އަލިއަޅުއްވާލައްވަމުން ސަލީމް ވިދާޅުވީ، ވެރިކަމުގެ އެންމެ އިސް ފަރާތަކީ އަބަދުވެސް ޚަލީފާ ކަމަށެވެ. އަދި އެކި ސަރަޙައްދުތަކަށް ގަވަރުނަރުން ޢައްޔަނުކުރި ނަމަވެސް، އެ ބޭފުޅުންނަށް އިރުޝާދު ދިނުމާއި، ގޯހެއް ހަދައިފިނަމަ ފިޔަވަޅު އެޅުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ޚަލީފާ ކަމުގައި ވިދާޅުވިއެވެ.
މިހާރު ކަންކަން ހިނގަމުންދާ މިސްރާބު ބަދަލުނުކޮށް ދޫކޮށްލައިފިނަމަ، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް އަތޮޅެއްގެ މައްޗަށް މައި ސަރުކާރުގެ ބާރެއް ނުހިނގާނެ ކަމަށާއި، މިއީ އެއްވެސް ސިޔާސީ ޕާޓީއަކުން އެދޭނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ލާމަރުކަޒީ ނިޒާމު ރޭވިފައިވަނީ ކޮންމެ އަތޮޅަކުން ވަކިން އާމްދަނީ ހޯދައިގެން އެ އަތޮޅެއް ހިންގާ އުސޫލުން ނޫން ކަމަށާއި، އެގޮތަށް ޢަމަލުކޮށްފިނަމަ މަންފާ ލިބޭނީ ހަމައެކަނި ފަތުރުވެރިކަން ފުޅާވެފައިވާ މަދު އަތޮޅުތަކަކަށް ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ބެހިގެންދާ ގޮތަށް ނިޒާމު ބެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
މުސްތަޤްބަލުގައި ޤައުމުގެ އެއްބައިވަންތަކަމަށް ކުރިމަތިވެދާނެ ބޮޑެތި ގޮންޖެހުންތަކާއި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ކަމާބެހޭ ހުރިހާ އިސްލާޙީ ފިޔަވަޅުތަކެއް ވަގުތު އޮއްވާ އަޅަންޖެހޭ ކަމަށް ވިދާޅުވެ އޭނާގެ ވާހަކަ ނިންމަވާލެއްވިއެވެ.
Ads by MACL
